ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ރޭހަށް ނެރެން އާއްމު މެންބަރުން ބާރު އަަޅަން ފެށުމުން "ބޮޑު ބަދަލު" ވަޓްސްއެޕް ގްރޫޕުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ނުކުމެވަޑައިގެންނެވި ކަމަށް ސޯޝަލް މީޑިއާ އާއި މީޑިއާގައި ފެތުރުނު ވާހަކަތަކަށް ރައްދު ދެއްވައި، ނަޝީދުއާ އެކު ފެއްޓެވި މަސައްކަތުގައި އަދިވެސް ދެމި ހުންނެވި ކަން ފައްޔާޒް މިއަދު ހާމަކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ "ބޮޑު ބަދަލު" ނަމުގައި ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކުން މީގެ ތިން ހަފްތާކުރިން "ނުކުމެލިން" ކަމަށާއި އެކަމަކު އެއީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕެއް ނޫން ކަމަށެވެ.

"މި ފުރުސަތުގައި ބޮޑު ބަދަލު މެނިފެސްޓޯއަށް ތާއީދުކުރައްވާ އަދި އުއްމީދުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި އާންމު ދިވެހި ރައްޔިތުންނަށް ދަންނަވާލަން. މާތް اللهގެ އިރާދުފުޅާއެކު އަޅުގަނޑާއި ރައީސް މުހައްމަދު ނަޝީދު އަދި އަޅުގަނޑުމެން ދެ ޓީމުގެ މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ފައްޔާޒް ވިދާޅުވި އެވެ.

ކުރިން ވާދަވެރިކޮށް ފެނުނު ނަޝީދާއި، ފައްޔާޒު އެމްޑީޕީގެ ތެރެއިން އެއްކޮށް މަސައްކަތް ފެށްޓެވީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު ގެންނަވަން ފެށްޓެވި ކެމްޕޭނާ އެކު އެވެ. އަދި އޭރު ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ފައްޔާޒު ގެންނަވަން ތާއީދުކުރައްވައިފަ އެވެ.  އަދި ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަަމަ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދާއި ފައްޔާޒު އެކުގައި މަސައްކަތް ފެށްޓެވީ "ބޮޑު ބަދަލު" ގެ ނަމުގައި އެކުލަވާލި މެނިފެސްޓޯއަކާ އެކުގަ އެވެ. 

"ބޮޑު ބަދަލު" ގެ  ނަމުގައި ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކުން ފައްޔާޒް ނުކުމެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ރޭހުގައި ނަޝީދު ވާދަކުރައްވަން ޖެހޭ ކަމަށް އެ ގްރޫޕްގެ ބައެއް މެންބަރުން ތަކުރާރުކޮށް ލިއުނު ދުވަހެއްގައި ކަމަށް، މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުންޏެވެ.

އެ ދުވަހު ގްރޫޕުން ނުކުމެވަަޑައިގެންނެވުމުގެ ކުރިން ލިއުއްވި މެސެޖްގައި ފައްޔާޒް ވިދާޅުވީ އެ ގްރޫޕް އުފެއްދި ބޭނުން މިހާރު ކެނޑިއްޖެކަަމަށް ދެކެވަޑައިގަންނަވާ  ކަމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުން އެކަން ކުރައްވާނެ ކަމަށެވެ. 

"ވީމާ އަަޅުގަނޑު މި ގްރޫޕުން ވަކިވެލާނަން. ބޮޑު ބަދަލަކީ މި ގައުމަށް މުހިއްމު މަސައްލަތެއް. އެކަމުގައި ވީހާ ގިނަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާނެ. ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" އެ މެސެޖްގައި ފައްޔާޒް ވިދާޅުވެފައި ވެ އެވެ.

ނަޝީދާއި، ފައްޔާޒުގެ "ބޮޑު ބަދަލު" މެނިފެސްޓޯގައި އޮތް އެެއް ކަމަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމުގެ ގިނަ ސިފަތަކެއް އެކުލެވޭ މަސްހުނި ނިޒާމަކަށް ބަދަލު ކުރުމެވެ. 

އެ މެނިފެސްޓޯ އިފްތިތާހުކުރައްވަން އޭޕްރިލް 19، ގައި ދެ ބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައިވާ ގޮތުން އެ ނިޒާމުގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ ވަކި ދެ މަގާމެކެވެ. 

އެގޮތަށް ހުށަހެޅުއްވުމުން، އެއީ ބަރުލަމާނީ ނިޒާމްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން ދައުލަތުގެ އިސްވެރިޔާ އިންތިހާބު ކުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ނޫން ކަަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތް ނިޒާމަކީ ވެސް މަސްހުނި ކަންތައްތަކެއް ހުރި ނިޒާމެއް ކަމަށް ވެސް އޭނާ ސިފަ ކުރެއްވި އެވެ.