ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ތާއީދު ކުރައްވައި، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާން ކުރައްވައިފި އެވެ.
"ބޮޑު ބަދަލު" މި ނަމުގައި ނަޝީދާއި ފައްޔާޒް ބޭއްވެވި ޕްރެސް ބްރީފިންގައި ދެ ބޭފުޅުން ތަފްސީލާ އެކު، ހުށަހެޅުއްވީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ގެނައުމަށް ހުށަހަޅާ ބޮޑެތި ބަދަލުތަކެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާ އަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމެވެ.
އެހެން ނަމަވެސް ބަރުލަމާނީ ނިޒާމުގައި އަމަލުކުރާ ގޮތާ ހިލާފަށް، ނަޝީދާއި ފައްޔާޒްގެ ޕްރޮޕޯސަލްގައި އޮތީ ސަރުކާރުގެ ވެރިޔާ ވެސް ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ގޮތަަށެވެ. ބަރުލަމާނީ ނިޒާމުަގައި ސަރުކާރުގެ ވެރިޔާ (ބޮޑުވަޒީރު) ހޮވާނީ ޕާލަމެންޓް މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އެ ބަދަލާއި އެހެން ބަދަލުތަކުގެ ތަފްސީލުތައް ދެއްވީ ފައްޔާޒެވެ. އަދި ސަރުކާރު ހިންގާ ވެރިއަކަށް ފައްޔާޒު ހޮވުމަށް ތާއީދު ކުރައްވާނެ ކަމަށާއި އަދި ދައުލަތުގެ ވެރިއަކަށް ޝައުގުވެރިވެވަޑައިގަންނަވާކަން ނަޝީދު ހާމަކުރެއްވި އެވެ.
"މި ބަދަލުތައް ގެނައުމަށް ޓަކައި އަޅުގަނޑު ތާއީދުކުރަން ފައްޔާޒް އިސްމާއީލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް، އަދި އަޅުގަނޑު ހަމަ އެއާ އެކުގައި މަސައްކަތް ކުރާނީ ފުރަތަމަ ކަމަކަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އެއްބަސްވުމާއި އެމީހުންގެ ބަލައިގަތުން މި ބަދަލުތަަކަށް ހޯދުމަށް. އެހެންވީމާ އަޅުގަނޑު ގަސްދުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،" ނަޝީދު ވިދާޅުވި އެވެ.
މިއަދު ހުށަހެޅުއްވި ބަދަލުތަކަކީ 2028 ވަނަ އަހަރުގެ ފަހުން ގެންނަންޖެހޭ ބަދަލެެއް ނޫން ކަަަމަށާއި އަދި އެކަމުގައި މި ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލައްވާ ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މަޝްވަރާކޮށްގެން އެ ބަދަލުތައް މިހާރުން މިހާރަަށް ހަމަޖައްސައިދޭން ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ބަދަލުތައް ހޯދުމަށްޓަކައި ކުރާން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން. އޭގެ ތެރޭގައި ސީދާ ހަރަކާތަށް ދިއުން، އޭގެ ތެރޭގައި ސުލްހަވެރި ހިނގާލުންތައް ބޭއްވުން،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރަށަަކަށް ދަތުރުކޮށް، ހުރިހާ ރައްޔިތުންގެ ބައިވެރިވުން އެ މަސައްކަތަށް ހޯއްދަވާނެ ކަަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މިއަދު ހުށަހެޅުއްވި ބަދަލު ގެނެސް، އުފައްދާ ސަރުކާރުގައި އެ މަނިކުފާނުގެ ދައުރަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ ޝައުގުވެރިކަން އޮތީ ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުންނެވުމަށް ކަމަށެވެ.
މިއަދު ހުށަހެޅުއްވި ބަދަލުތައް މިހާރުން މިހާރަށް ވެސް ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި 2028 ވަަނަ އަހަރު އަންނަންދެން މަޑުކޮށްގެން ނުތިބެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.