ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރުމުން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ބުނި ނަމަވެސް ފުލުހުން ބާރުގެ ބޭނުންކޮށްފައިނުވާ ކަމަށާއި އެ މީހާ ހޮސްޕިޓަލަށް ގެންދަން ޖެހުނީ ފުލުހުން ކުރި ކަމެއްގެ ސަބަބުން ނޫން ކަމަށް ބުނެފި އެވެ.
ސަރުކާރަށް 12 ކަމެއްގައި ޑިމާންޑުތަކެއް ކޮށް، އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާތަކުގައި ރޭ ކުރި މުޒާހަރާގައި މީހަކު ވެއްޓި، އުނދަގޫތަކެއް ވާތީ އޭނާ އުފުލާލައިގެން ގެންދާ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެއީ ފުލުހުން "ކަރަންޓު މުގުރުން" ޖެހުމުން އަނިޔާވި މީހެއް ކަމަށް ތުހުމަތުކުރި ނަމަވެސް ފުލުހުން ބުނީ މުޒާހަރާ ކޮންޓްރޯލްކުރަން ރޭ ބާރުގެ ބޭނުމެއް ކޮށްފައި ނުވާނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ ރޭ އެއްވުމުން ހޮސްޕިޓަލަށް ގެންދިޔަ މީހާއަށް އަނިޔާވެފައިވަނީ އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކޮށްފަ އެވެ.
"އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ ގުޅުމެއް ނެތެވެ. ފެތުރެމުންދާ ވާހަކަތަކާ ހިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައެއް ނުވެ އެވެ،" ފުލުހުން ފޮނުވި މެސެޖުގައިވެ އެވެ.
އެއީ އެއްވުމާ ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފަ އެވެ.
ފުލުހުން ބުނީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން، ރައްޔިތުން ދައުލަތުގެ މުއައްސަސާތަކަށް ކުރާ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރު ކުރާ ކަމަސެވެ. އަދި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.