"ލޫޓުވައިފި ލޫޓުވައިފި" ނަމުގައި މާލޭގައި އެމްޑީޕީން މިދިޔަ އަހަރު ބޭއްވި މުޒާހަރާއާ ގުޅިގެން، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރާއި އެ ޕާޓީގެ އިތުރު ހަތް އެކްޓިވިސްޓަކަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލު "މިހާރު"އަށް ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ކަމަށެވެ.

އެ ދައުވާ ކޮށްފައިވަނީ، މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރުކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާ ގޮތަށް ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލައިގައި ދައުވާކޮށްފައިވަނީ؛

1. އަބްދުއްސަލާމް

2. މުހައްމަދު ހަމާއިދު އަބްދުލްޣަނީ

3. އަލީ ނައުފަލް

4. މައުރޫފް ޒާކިރު

5. އާއިޝަތު ނަޖުދާ އަލީ

6. އަލީ މުއައްވަޒް

7. ފާތިމަތު ޒަހިއްޔާ

8. ހުސައިން ރަޝީދު

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި އިތުރު ހަތް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން އެދުނު ކަމަށެވެ. ނަމަވެސް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ އަދި ދައުވާކުރުމުގެ އާންމު މަސްލަހަތު ނެތުމުން އެ މީހުންގެ ބައި އަނބުރާ ފޮނުވާލީ އެވެ.

އެ މުޒާހަރާއިން ޖުމްލަ އަށް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންތަކެއް ހިމެނެ އެވެ. 

މުޒާހަރާ މައްސަލަތަކުގައި ދައުވާކުރުމުގައި ޕީޖީން ބަލަނީ، މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާ ނަމަ، ނުވަތަ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިދާނެ ހާލަތެއް ކުރިމަތިކުރުވާފައިވާނަމަ ދައުވާ ކުރުމެވެ.