އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ވެރިކަން ހޯދައި ދިނުމަށް ނަޝީދު އިސްވެ ފައްޓަވާފައިވާ މަސައްކަތްޕުޅުގައި އެ ދެ ބޭފުޅުންނާ އެކު މަސައްކަތް ކުރައްވަން އައްޑޫ މޭޔަރު އަލީ ނިޒާރު ނިންމަވައިފި އެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަން ނަޝީދު ވަނީ ނިންމަވައި، ކެމްޕެއިން ވެސް ފައްޓަވައިފަ އެވެ. އޭގެ އިތުރުން 2028 އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ފައްޔާޒަށް ދެއްވުމުގެ ކެމްޕެއިން ވެސް ނަޝީދުގެ އިސްނެންގެވުމަށް ކުރިއަށް އެބަގެންދެ އެވެ.
އިދިކޮޅު އެމްޑީޕީގެ އެތެރޭގައި ކެމްޕެއިން ފޯރިގަދަ ވެފައިވާ މި ދަނޑިިވަޅުގައި އައްޑޫގެ މޭޔަރު ނިޒާރު އޭނާގެ ފޭސްބުކްގައި ރޭ އިއުލާން ކުރެއްވި ގޮތުން ނަމަ އޭނާ ހުންނެވީ ނަޝީދާއި ފައްޔާޒާ އެކުގަ އެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އައްޑޫގެ މޭޔަރުކަމުގެ ގޮނޑި ދިފާއު ކުރެއްވި ނިޒާރު ވިދާޅުވީ، ރާއްޖެ ހެޔޮވެރިކަމުގެ މިސްރާބަށް ކުރާ ދަތުރުގައި ގޮންޖެހުންތަށް އެބަހުރި ކަމަށެވެ. ހާއްސަކޮށް އެމްޑީޕީއާ އިދިކީލަ ސިޔާސީ ފިކުރުތަކަކީ ހުދުމުހުތާރު ވިސްނުންތަކެއް ކަމަށާއި މި ހާލަތުގައި އެޕާޓީގެ ހިންގުން ހަރުދަނާކޮށް، އާ މިސްރާބަކަށް ދަތުރު ފަށަންޖެހޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"މި ނާޒުކު ދަނޑިވަޅުގައި ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލައްވަވައި، އަދި ޕާޓީގެ ހަރަކާތްތަކުގައި އަލުން ބައިވެރިވާން ނިންމެވުމަކީ އެމްޑީޕީއިން ކުރަމުންދާ ސިޔާސީ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމެއް،" ނިޒާރު ވިދާޅުވި އެވެ.
"ހަމަ އެއާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީގެ ކުރީގެ ޗެއާޕާސަން އުސްތާޒު ފައްޔާޒަށް ރިޔާސީ ޓިކެޓް ހޯދަދިނުމަށް ތާއީދު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ އަޅުގަނޑަށް ވަރަށްބޮޑަށް ތާއީދު ކުރެވޭ އަގުހުރި ނިންމެވުމެއް."
ނިޒާރު ވިދާޅުވި ގޮތުގައި ފައްޔާޒަކީ ރާއްޖެ އަށް ބޮޑެތި ސިޔާސީ އިސްލާހު ގެންނަންޖެހޭ މި ދަނޑިވަޅުގައި ކެރިގެން އެކަން ކުރެއްވޭނެ ގާބިލްކަން ހުރި ސިޔާސީ ލީޑަރެކެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ނަޝީދުގެ އިތުރުން ދެން ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި އަލްހާން ފަހުމީ އެވެ.
މީގެ ތެރެއިން މީކާއިލް އަށް އެހީތެރިވަނީ ކުރީގެ ރައީސް އަދި ނަޝީދުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ދާދި ފަހަކާ ޖެހެންދެން ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމުގެ މެމްބަރުންނެވެ. އެއީ މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިންގައި ވެސް އިބޫއާ އެކު މަސައްކަތް ކުރި ޓީމެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މާލޭގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.