އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ "އިތުބާރު" ކެމްޕޭން މިއަދު ލޯންޗުކޮށްފި އެވެ. 

އެކަމަށްޓަކައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ ޗެއާޕާސަން މަގާމަށް ކުރިމަތިލައްވަން ނިންމެވީ ޕާޓީގެ ހުރިހާ މެމްބަރުންގެ މަސްލަހަތު އިސްކޮށް ޕާޓީ މެމްބަރުންގެ އިތުބާރު އޮތް މީހެއްގެ ނިޔަމިކަމުގައި އަންނަ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބު ކޮށްދިނުމަށް ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ ޕާޓީގެ ލީޑާޝިޕާއި މެންބަރުންނާ އޮތް ގުޅުން ކުޑަ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމްޑީޕީއަށް އިންތިހާބުތައް ކާމިޔާބުވެފައި އޮތީ، ޕާޓީގެ ހުރިހާ ބޭފުޅުން ވެސް އެކު އެކީގައި މަސައްކަތް ކޮށް އެންމެންގެ މަސްލަހަތުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް އެމްޑީޕީގެ އާއްމު މެމްބަރުންގެ އިތުބާރު އަޅުގަނޑަށް އެބަ އޮތް. އަޅުގަނޑު މި ވާދަކުރާ އިންތިހާބުގައި އަޅުގަނޑު ކާމިޔާބު ވިޔަސް، ނާކާމިޔާބުވިޔަސް، މި ޕާޓީގައި އާއްމު މެމްބަރުންނާއެކު އަޅުގަނޑު ދެމިހުންނާނެ ކަމުގެ އިތުބާރު ވެސް މި ޕާޓީގެ މެމްބަރުންނަށް އޮންނާނެ،". އެ މަގާމަށް ކުރިމަތިލެއްވި ސަބަބު ހާމަކުރައްވަމުން މީކާއީލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ޗެއާޕާސަން ކަމަށް އޭނާ އިންތިހާބު ވެއްޖެނަމަ ޕާޓީގެ ސަފުތައް ބަދަހިކޮށް އެއްބައިވަންތަކަން އާލާ ކުރުމާއި އެއްވެސް ފަރުދެއްގެ އަމިއްލަ މަސްލަހަތަށްވުރެ ޕާޓީ އާއި ޕާޓީ މެމްބަރުންގެ މަސްލަހަތު އިސްކުރައްވާނެ ކަމަށެވެ.

އެކަން ހާސިލް ކުރުމަށް ޗެއާޕާސަންގެ ދައުރަށް ބަލައި ވަނީ މަސައްކަތު ޕްލޭނެއް ތައްޔާރު ކުރުމަށް ވެސް ނިންމަވައިފަ އެވެ. މީކާއިލް ވިދާޅުވީ އެ ޕްލޭން ވެގެންދާނީ 2028ގެ އިންތިހާބުގައި އެ ޕާޓީން ވެރިކަމަށް އައުމާއި ގައުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް ހަދާ ޕްލޭނަކަށް ކަމަށެވެ.

"ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މިވަގުތު އެންމެ މުހިންމީ ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން ހޯދައި ޕާޓީގެ ސަފުތައް ބަދަހިކުރުން. އަޅުގަނޑު އެދެނީ އާ ޒުވާން ޖީލަކަށް އެމްޑީޕީގެ ލީޑާޝިޕުން ފުރުސަތު ދެއްވުން. ހަގީގަތުގައި ވެސް އަޅުގަނޑު ތި ބޭފުޅުންނާއެކު ވީހާލެއްގައި ވާން ދެމި ހުންނާނަން،"ޕާޓީގެ އާންމު މެމްބަރުންނަށް މީކާއިލް ދެއްވި މެސެޖުގައިވެ އެވެ.

މީކާއިލްގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ކުރީގެ މެމްބަރުން އަލްހާން ފަހުމީ ވާދަކުރައްވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.