އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުން އަލްހާން ފަހުމީ ވާދަކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީކާއިލް އާއި އަލްހާން ވެސް މިހާރު އަންނަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރުމަށް ކެމްޕެއިން ކުރައްވަމުންނެވެ. ނަޝީދު އެ އިންތިހާބުގައި ވާދަކުރައްވާނެ ކަން ހާމަކުރެއްވުމުގެ މާ ކުރިން މީކާއިލް ވަނީ މި މަހު ކުރީކޮޅު އެކަން އިއުލާން ކުރައްވައިފަ އެވެ. 

މީކާއިލް ކުރިން ވިދާޅުވި ގޮތުގައި، މިވަގުތު އެމްޑީޕީގެ އެންމެ އިސް އަމާޒަކަށް ވާން ޖެހޭނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ. އެކަން ކުރުމަށް ޕާޓީއަށް އެންމެ މުހިންމީ ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދައި ޕާޓީގެ ސަފުތައް ބަދަހިކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަން ކުރެވޭނީ ވަކިވަކި ލީޑަރުންނާއި ވަކިވަކި ފަރުދުންގެ މަސްލަހަތަށް ވުރެ ޕާޓީގެ އާންމު މެމްބަރުންގެ މަސްލަހަތު އިސްކޮށްދޭނެ ފަރާތެއް ޕާޓީގެ ހުންގާނާ ހަވާލުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

"މޫނަކަށް، ކަނދުރާއަކަށް ނުބަލައި ހަމަހަމަ ކަމާ އެކު ޕާޓީ ހިންގަ ދޭނެ ފަރާތެއް ޕާޓީއާ ހަވާލުވެގެން. އަބަދު އެއް މޫނުތަކެއް، އެއް ފިކުރެއް، އެއް ވިސްނުމެއްގައި ޕާޓީ ހިންގުމުގެ ބަދަލުގައި އާ ޒުވާން ޖީލަކަށް ޕާޓީގެ ލީޑާޝިޕުން ފުރުސަތު ދީގެން،" އޭނާ ވިދާޅުވި އެވެ. 

އަލްހާން ސޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމަވާފައިކަން އިއުލާންކުރައްވައިފަ އެވެ. 

"އެމްޑީޕީ އަލުން އަނބުރާ ޑިމޮކްރަސީގެ މަގަށް އަމާޒު ހިފަންޖެހޭ،" އަލްހާންގެ ޕޯސްޓުގައިވެ އެވެ. 

ނަޝީދު ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަން އިއުލާންކުރެއްވީ "ބޮޑު ބަދަލު"ގެ ނަމުގައި ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ. އަދި 2028 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ފައްޔާޒު ނެރެން ތާއީދު ކުރައްވާ ކަން ވެސް ނަޝީދު އިއުލާން ކުރެއްވި އެވެ. 

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވެސް ފައްޔާޒާއި ނަޝީދު ހުށަހެޅުއްވި އެވެ. އެ ނިޒާމުގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ އެންމެ އިސްވެރިޔާ އަކީ ވަކި ދެ މަގާމެކެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަން ކުރިން ކުރައްވާފައިވާ ފައްޔާޒު ވިދާޅުވި ގޮތުގައި ގެންނަން އުޅުއްވާ ބަަދަލަކީ މިހާރު އޮތް ރައީސްގެ މަގާމަކީ ސަރުކާރުގެ ވެރިޔާ ކަމަށް ބޭއްވުމަށް ފަހު، ދައުލަތުގެ ވެރިއަކަށް އެހެން ބޭފުޅަކު އިންތިހާބު ކުރުމެވެ. އަދި ސަރުކާރުގެ ވެރިޔާގެ މަގާމުގެ ނަން ރައީސްގެ ބަދަލުގައި އެހެން ނަމެއް ދެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.