ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ މިއަދު އިސްތިއުފާ ދެއްވި އެވެ. 

ނަމަވެސް ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އޭގެ ސަބަބު އަމްޖަދު ވިދާޅެއް ނުވެ އެވެ. 

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަމްޖަދު ޗީފް ޖުޑިޝަލް އެޑްމިނިސްޓާގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. 

ޝަރުއީ ދާއިރާގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް އަމްޖަދު އައްޔަންކުރީ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ އަދި އެންމެ މަތިން މާކްސް ލިބިގެންނެވެ. 

އަމްޖަދުގެ ކުރިން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާގެ މަގާމުގައި ހުންނެވީ އައިޝަތު ރިޒްނާ އެވެ. އޭނާ ސެޕްޓެމްބަރު 2024 ގައި އިސްތިއުފާ ދެއްވީ ޑީޖޭއޭ ހިންގުމުގެ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސައްކަތް ކުރެވޭނެ މާހަލެއް ނެތްކަމަށް ވިދާޅުވެ އެވެ. 

އީސީގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވާ އަމްޖަދު ވަނީ އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އޭގެ ފަހުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް 2020 ވަނަ އަހަރު އައްޔަން ކުރެއްވި އެވެ. އެކަމަކު ހަތަރު މަސް ފަހުން އެ މަގާމުން އިސްތިއުފާ ދެއްވި އެވެ.