ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އޮތް އޮތުން ނިމުމަކަށް ގެނެސް، ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމްޑީޕީގެ މިދިޔަ ސަރުކާރުގެ ދުވަސްވަރު ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން ކުރި ގޯސް އެއް ކަމަކީ ޖޭއެސްސީގެ ދަށަށް ޖުޑިޝަރީގެ އެޑްމިނިސްޓްރޭޓިވް ބާރު ބަދަލުކުރުން ކަމަށާއި އެ ބަދަލުގެ ސަބަބުން ޝަރުއީ ދާއިރާގެ ކަންކަަމަށް ނުސީދާކޮށް ވިޔަސް، ސަރުކާރަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ހުޅުވިފައި އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ޖުޑިޝަރީ ރިފޯމް ކުރުމުގެ ތެރެއިން ޖޭއެސްސީގެ ކޮންޓްރޯލްގެ ދަށުގައި ޑީޖޭއޭ އޮންނަ އޮތުމަށް އިސްލާހު ގެނައުމަށް، އެންމެ ފުރަތަމަ ޖުޑިޝަރީ ގާނޫނު އޮތްއިރުގައި ކޯޓުތަކާ ބެހޭ ގާނޫނުގައި އޮތް ގޮތަށް ބަދަލުކުރަން ވިސްނުން ހުރީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ޖުޑީޝަލް ކައުންސިލެއް ކިޔާ ކައުންސިލެއް ކުރިން އޮތް ކަމަށާއި އެ ކައުންސިލް ވެސް އުވުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 2011 ވަނަ އަހަރު ކަމަށް ރައީސް ވިދާޅުވި އެވެ. 

"ޖުޑީޝަލް ކައުންސިލަކީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސްފަނޑިޔާރުން ހިމެނޭހެން އޮންނަ ކައުންސިލެއް. ފަންނީ ދާއިރާގައި ޓެކްނިކަލް މަޝްވަރާތައް ކުރުމަށް އޮންނަ ކައުންސިލެއް. އެ ކައުންސިލް އުވިގެން ދިޔައީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލުމަށްޓަކައު ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ. އަދި ޑީޖޭއޭ ބަދަލުވާން ބޭނުންފުޅުވަނީ އުއްތަމަ ފަނޑިޔާރާއި ޖުޑިޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާން ޖެހޭނީ ޖުޑީޝަލް ކައުންސިލާއި އުއްތަމަ ފަނޑިޔާރަށް ކަމަށް ބަދަލުވުމަކީ ކޯޓުތަކުގެ ނިޒާމަށް އަންނަން ޖެހޭ ރަނގަޅު ބަދަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.