ހުޅުމާލޭ ފޭސް 1 ގައި ހުންނަ ރީތިގަސް ރެސިޑެންސްގައި ކޮމާޝަލް މަސައްކަތްތައް ކުރުމަށް އެ ޖާގައަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެޗްޑީސީން ބުނީ އެ ފްލެޓުތައް ހުންނަ އިމާރާތުން ތިން ޖާގަ ކޮމާޝަލް ބޭނުންތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބުކްޝޮޕަކާއި ސެލޫނެއްގެ އިތުރުން ވެލްނެސް ސެންޓަރެއް ހިންގުމަށް ދޫކުރާ ޖާގަ އެެވެ.
ވިޔަފާރީގެ ބޭނުމަށް ދޫކުރާ ތަންތަނުގެ ތަފްސީލު:
- ބުކްޝޮޕް - 1،031 އަކަފޫޓް
- ސެލޫން - 1،463 އަކަފޫޓް
- ވެލްނެސް ސެންޓަރު - 1،913 އަކަފޫޓް
އެ ކޮމާޝަލް ޖާގަތަކަށް ޝައުގުވެރިވާނަމަ، އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި ބުކްޝޮޕް ހިންގުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ ފަސް ވަަނަ ދުވަހު އެވެ. އަދި ސެލޫން ޖާގައަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހު ހަމަވާއިރު ވެލްނެސް ސެންޓަރު ހިންގުމަށް އެދެވޭނީ ހަތް ވަނަ ދުވަހާ ހަމައަށެެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ހުންނަ މި ފްލެޓުތަކުގައި ގާތްގަނޑަކަށް 2،200 އެއްހާ މީހުން ދިރިއުޅެ އެވެ.
"ރީތިގަސް" ފްލެޓުތަކަކީ އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަކޮށް ހިންގި މަޝްރޫއުއެކެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަ ކޮށްގެން 2017 ގައި ފެށި އެ މަޝްރޫއުގެ ދަށުން ހަ ޓަވަރެއްގައި 459 އެޕާޓްމަންޓް ހަދާފައިވެ އެވެ.