ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ "އެކުވެހި" އެކޮމޮޑޭޝަން އިމާރާތުގައި ދިރިއުޅެން ބޭނުންވާ ދަރިވަރުންނަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި އެވެ.

ދަނާލެއްގެ ގޮތަށް އިމާރާތް ކޮށްފައިވާ މި ތަނަށް މަހަކު ދައްކަން ޖެހެނީ 3،500ރ. އެވެ. ވިނަރެސް ޓަވަރުތަކުގެ ކައިރިގައި ހަދާފައިވާ މި އިމާރާތުން ކޮޓަރި ކުއްޔަށް ދޫކުރަނީ ދެ މީހަކު ޝެއާ ކޮށްގެން ދިރިއުޅެވޭނެ ގޮތަށެވެ. 

ކޮންމެ ކޮޓަރިއެއްގައި ވެސް ދެ ދަރިވަރަކަށް ވަކިން އެނދު ހުރެ އެވެ. އަދި ކޮޓަރީގައި ކިޔަވަން ތިބެވޭނެ ގޮތަށް "ސްޓަޑީ ޓޭބަލް" ވެސް ބަހައްޓާފައިވާއިރު ކޮންމެ ކޮޓަރިއެއްގައި ވެސް ފާހާނާ ހުންނާނެ އެވެ. 

އެކުވެހި އިމާރާތުގައި ކޮޓަރިއެއްގައި ދެ ދަރިވަރުން ދެ އެނދުގައި އިށީނދެލައިގެން
އެކުވެހި އިމާރާތުގައި ކޮޓަރިއެއްގައި ދެ ދަރިވަރުން ދެ އެނދުގައި އިށީނދެލައިގެން

މި އިމާރާތުގައި ކޮމިއުނަލް ޕޭންޓްރީއެއް ވެސް ހުރެ އެވެ. ކެއްކުމަށް ބޭނުންވާ ވަސީލަތްތައް ވެސް ހިމެނޭ އެ ތަނުގައި އެ ކުދިންނަށް އަމިއްލައަށް ކައްކައިގެން ކެވޭނެ އެވެ. އަދި އަންނައުނު ދޮވެ ހިއްކުމުގެ ކަންކަން ކުރަން އެންމެނަށް ބޭނުންކުރެވޭނެ ފަދަ ޖާގައެއް ވަނީ ހަދައިފަ އެވެ. 

އެކުވެހި އިމާރާތުގައި ބަދިގެ.
އެކުވެހި އިމާރާތުގައި ބަދިގެ.

މީޓިން ރޫމާއި ކޯވޯކިން ސްޕޭސްގެ ތަރައްގީކޮށްފައި ވަނީ އެ ތަންތަނުގައި ދަރިވަރުންނަށް ކިޔެވޭނެ ފަދަ އިންތިޒާމުތަކަކާ އެކު އެވެ. 

އެޗްޑީސީން ބުނި ގޮތުގައި ކޮމަން ކޯޓްޔާޑާއި ޓެރަސް ވެސް ހަދާފައި ވަނީ އެންމެންނަށް ގޮސް އިށީނދެލައިގެން ތިބެވޭނެ އަދި އެކަކު އަނެކަކާ ބައްދަލުވެ، ހިތްހަމަޖެހިލައިގެން ތިބެވޭނެ ކަހަލަ ގޮތަކަށެވެ. 

އެކުވެހި އިމާރާތުގައި ޓެރަސްގައި ހަދާފައިވާ ޖިމުގައި ދަރިވަރުންތަކެއް ކަސްރަތު ކުރަނީ.
އެކުވެހި އިމާރާތުގައި ޓެރަސްގައި ހަދާފައިވާ ޖިމުގައި ދަރިވަރުންތަކެއް ކަސްރަތު ކުރަނީ.

ގޭމުތައް ކުޅެވޭ ގޮތަށް ލައުންޖު ސްޕޭސް ވެސް ހަދާފައިވާ އެތަނުގައި އައުޓްޑޯ ޖިމެއް ވެސް ހުރެ އެެވެ. އަދި ނަމާދު ކުރުމަށް ހާއްސަ ކޮޓަރިއެއް ވެސް ވަނީ ހަދައިފަ އެވެ. 

އެތަން ސާފުކޮށް، މެއިންޓަނަންސްގެ މަސައްކަތް ވެސް ގަވާއިދުން ބަލަހައްޓަމުންދާނެ އެވެ. އަދި ސެކިއުރިޓީ ވެސް ބަލަހައްޓައި އެ އިމާރާތުގައި ޕާކިންނަށް ވެސް ޖާގަ ކަނޑައަޅާފައިވެ އެވެ.

އެޗްޑީސީން ބުނީ، މިތަން އިމާރާތްކޮށްފައި ވަނީ ދަރިވަރުންނަށް ހަމަޖެހިލައިގެން ފަސޭހަކަމާ އެކު، ދިރިއުޅެވޭނެ ގޮތް މަގުފަހިވާނެ ގޮތަށް ކަމަށެވެ. އަދި ކިޔެވުމުގެ އިތުރުން އެ ކުދިންނަށް މުނިފޫހިފިލުމުގެ ހަރަކާތްތަކާއި މީހުންނާ ބައްދަލުވެ، ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ އެވެ. 

އެކުވެހި އިމާރާތުގައި ލައުންޖުގައި ދަރިވަރުންނަށް ގޭމުތައް ކުޅެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި.
އެކުވެހި އިމާރާތުގައި ލައުންޖުގައި ދަރިވަރުންނަށް ގޭމުތައް ކުޅެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި.

އެޗްޑީސީގެ "އެކުވެހި" އިން ޖާގަ ބޭނުންވާ ދަރިވަރުންނަށް މިހާރު ވަނީ އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. 

އެކުވެހީގައި ރަޖިސްޓްރީވުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް: 

  • އުމުރުން 35 އަހަރުން ދަށުގެ ދަރިވަރުން.
  • ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒެއްގައި ރަޖިސްޓްރީވެފައިވާ ދަރިވަރުން.
  • އެމްކިޔުއޭ އެޕްރޫވް ކޯހެއް ހަދަމުންދާ ދަރިވަރުން.
  • ފުލްޓައިމް ކޯހެއްގައި އުޅޭ، ގަވާއިދުން ކްލާސްތަކަށް ހާޒިރުވެގެން ކިޔަވާ ދަރިވަރުން.
  • ކިޔެވުން ފުރިހަމަކުރުމަށް މަދުވެގެން އެެއް އަހަރުގެ މުއްދަތެއް ބާކީ އޮންނަން ޖެހޭނެ.

ޝަރުތުތައް ހަމަވާ ނަމަ އެކަމަށް ކަނޑައަޅާފައިވާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. އެޕްލިކޭޝަން ހުށަހަޅާއިރު އައިޑީކާޑާއި ޕޮލިސް ރިޕޯޓުގެ އިތުރުން ކޮލެޖު/ޔުނިވާސިޓީގެ ޕްލޭސްމެންޓް ލެޓާ ބޭނުންވާނެ އެވެ. 

އެޗްޑީސީން ބުނީ އެތަނުން ޖާގަ ދޫކުރަނީ އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުން، ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން ކަމަށެވެ. ޖާގަ ކަށަވަރުވުމުން އެޗްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރަން ޖެހުމުން، އެތަނަށް ބަދަލުވެ ދިރިއުޅެން ފެށޭނެ އެވެ. 

ފުރަތަމަ ފަހަރަށް މާލެ ސަރަހައްދުގައި ދަރިވަރުންނަށް ހާއްސަ އެކޮމޮޑޭޝަން އިމާރާތެއް ހުޅުވާފައިވާއިރު މިތަނާ އެކު ދަރިވަރުންގެ ދިރިއުޅުމަށް ބޮޑު ލުޔެއް ލިބޭނެ އެވެ. އެމްއެންޔޫގެ ދަނާލެއް ވަރަށް ކުރިއްސުރެ މާލޭގައި އިމާރާތް ކޮށްފައިވީ ނަމަވެސް އެ ތަން ހާއްސަ ކޮށްފައި ވަނީ އެ ޔުނިވާސިޓީގެ ދަރިވަރުންނަށެވެ. 

އެހެން ނޫނީ، ރަށްރަށުން މާލެ އަށް ކިޔަވަން އަންނަ ދަރިވަރުން އެވްރެޖުކޮށް ކޮންމެ މަހަކު 4،000ރ. ކުއްޔަށް ހޭދަކުރަންޖެހެ އެވެ. އެއީ ދަރިވަރުން ބައިތިއްބާ ގޭގޭގެ ކުއްޔެވެ. 

އެކަމަކު ގިނަ ކުދިންތަކަކާ އެކު އެއް ކޮޓަރިއެއްގައި އުޅެން ޖެހޭ ޖެހުމުން ދަރިވަރުންނަށްވާ އުނދަގޫތަކަށް އެޗްޑީސީގެ އެކޮމަޑޭޝަން ބްލޮކާ އެކު، ބޮޑު ލުޔެއް ލިބޭނެ އެވެ.