ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަން ޕީއެންސީން ހުޅުވާލި ފުރުސަތުގައި އެ ދާއިރާގެ މެމްބަރު ކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) ކުރިމަތިލައްވައިފި އެވެ. 

ޕީއެންސީގެ ޓިކެޓުގައި ބައި އިލެކްޝަނުގައި ވާދަކުރައްވާނެ ބޭފުޅުންގެ ނަން ހުށަހެޅުމަށް މިއަދުގެ ހަވީރު ހައެއް ޖެހުމާ ހަމައަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ އެ ދެބޭފުޅުން އެކަނި ކަމަށް އެނގިފައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ހުކުމް ކުރުމުންނެވެ. 

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީ އަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ތެރެއިން ސައީދަކީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ މޫލެކެޑެ ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ނަޒީރާ ވާދަކުރައްވައި ސައީދު ބަލިވީ އެންމެ ނުވަ ވޯޓުންނެވެ. 

އެމްޑީޕީގެ ކެންޑިޑޭޓު ނަޒީރު 592 ވޯޓު ހޯއްދެވިއިރު ސައީދަށް ހޯއްދެވުނީ 583 ވޯޓެވެ. 

އައްޑޫގެ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ސައީދު "މިހާރު" އަށް މިރޭ ވިދާޅުވީ، ޕީއެންސީގެ ޓިކެޓަށް ކުރިމަތިލެއްވީ އެ ޕާޓީ އަށް ކާމިޔާބު ހޯދައި ދެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށެވެ. 

"ޕީއެންސީ އަށް ރަނގަޅު ނަތީޖާއެއް އަޅުގަނޑަށް ހޯދައިދެވޭނެކަން ވަރަށް ޔަގީން. ޕްރައިމަރީން އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ،" ސައީދު ވިދާޅުވި އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން ހަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު ޕީއެންސީގެ ޓިކެޓު ދޭނެ ކެންޑިޑޭޓަކު ހޮވަން އެ ޕާޓީގެ ޕްރައިމަރީ ބާއްވާނީ މި މަހުގެ 25 ގަ އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުމުގެ ޝަރުތު ހަމަވާނީ އެ ޕާޓީގެ އިއުލާނުގައިވާ ގޮތުން ނަމަ އިލެކްޝަންސް ކޮމިޝަންގެ ޕީއެންސީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށާއި  ޕީއެންސީގެ ދަފްތަރުގައި ހިމެނުމަށް އެދި މި އޭޕްރީލް 13 ވަނަ ދުވަހުގެ ހަވީރު ހަޔެއް ޖެހުމާ ހަމައަށް ހުށަހަޅާފައިވާ މީހުންނެވެ.

ޕްރައިމަރީގައި ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ ލިސްޓު ޕީއެންސީގެ ވެބްސައިޓު www.pnc.mv ގައި މާދަމާ އާންމު ކުރާނެ ކަމަށް އެ ޕާޓީން ކުރިން ކުރި އިއުލާނުގައި ވެ އެވެ. 

ޕީއެންސީ އަށް ނިސްބަތްވާ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ޣާލިބް ސަލީމް ކިޔާ މީހަކު ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އައްޑޫގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ ސީނިއާ އެއް މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) ފާޅުކުރެއްވި ނަމަވެސް އެ ކަމަށް އިތުރު މީހަކު ޝައުގުވެރިވޭތޯ ބަލަން އެ ޕާޓީން ފުރުސަތު ހުޅުވައިލި އެވެ. 

އެމްޑީޕީގެ ޓިކެޓުގައި ހިތަދޫ އުތުރު ދާއިރާ އަށް ވާދަކުރަަން ހުށަހެޅުއްވީ ސޯބެ އެކަނި ކަމަށް ވާތީ، އޭނާ އަށް އެ ޕާޓީގެ މިހާރު ވަނީ ދީފަ އެވެ. 

ސޯބެ ވަނީ އައްޑޫގެ މޭޔަރުކަން 10 އަހަރު ފުރުއްވައިފަ އެވެ. އެއީ، 2011 ވަނަ އަހަރު ފެށިގެން 2021 ވަނަ އަހަރާ ހަމައަށެވެ. އޭގެ ފަހުން އެމްޑީޕީގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ. 

އިތުރު ދެ ބޭފުޅަކުވެސް ވަނީ އެ ގޮނޑިއަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެއީ 2013 އަދި 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ވާދަކުރެއްވި އަހުމަދު ސައީދު (ނަޔާ) ގެ އިތުރުން މުހައްމަދު އަލީ އެވެ.