ޕީއެންސީގެ ހިންގުން އިތުރަށް ރަނގަޅު ކުރުމަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުއާޒު ހަލީމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ހުންނެވި މުއާޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޕާޓީގެ އިދާރީ ހިންގުމުގެ އިސް ޒިންމާތަކުން ދުރަށް ވަޑައިގެންނެވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ނެރޭ ޕާޓީއަކަށް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވަން ބޭނުންވާތީ ކަމަށެވެ.
އެހެންވެ، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިއްމު ކަމެއް ކަމަށް ވާތީ އިސްތިއުފާ ދެއްވީ ކަމަށް ވިދާޅުވި އެވެ.
ޕީއެންސީގެ އެސްޖީއަކަށް މުއާޒު އައްޔަންކުރެއްވީ ޖެނުއަރީ 13، 2025 ގަ އެވެ. އެއީ، އޭރު އެ ޒިންމާތައް ފުރުއްވި ޒީނާޒު އަދުނާންގެ ދައުރު ހަމަވުމުންނެވެ.