ކުޑަ ކުއްޖެއްގެ ދެ އަތް ބަނދެ، ގަހެއްގައި އައްސާފައި ބެހެއްޓި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އުތުރު ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު މެންދުރު ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގައި ފެންނަނީ ކުޑަ އަންހެން ކުއްޖެއްގެ ދަ އަތް ބަނދެ ގަހެއްގައި ވާގަނޑެއް ޖަހައި އައްސާފައި ހުންނަތަނެވެ. ވީޑިއޯގައި ހުތުބާ ކިޔާ އަޑު އިވެ އެވެ. ބެލެވޭ ގޮތުގައި އެކަން ހިނގީ މިއަދު ހުކުރު ވަގުތު އެވެ.