ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ޓަވަރެއްގެ ކޮރިޑޯ ތެރޭގައި، ފިރިހެން ކުއްޖަކަށް އަނިޔާކޮށް ބުލީކުރި މައްސަލަ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަން ކުރީ ކޮން ބައެއް ކަމެއް އަދި ނުހޯދޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުރާވަރު އުމުރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ބަޔަކު ތަޅައި އަނިޔާކުރާ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ކުއްޖާގެ ކަރުގައި ހިފައި، ގައިގައި އަތުން ތަޅާ މަންޒަރު ވެސް ފެނެ އެވެ.
އަދި ރުޅިގަދަވެ ހުރެ އެކި އިންޒާރުތައް ދެމުން، ފައިން ވަރަށް އެ ކުއްޖާގެ ގައިގައި ބާރަށް ޖަހާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ. އެތަނުގައި އިތުރު ބަޔަކު ވެސް ތިއްބެވެ.
އެކަމަކު އަނިޔާ ހުއްޓުވަން އެކަކު ވެސް އުޅުނުތަނެއް ނުފެނެ އެވެ.
ފުލުހުން ބުނީ އެ ވީޑިއޯ މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްގެން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރެ އެވެ.
އެ ވީޑިއޯ އިން ފެންނަ މީހުންނަކީ ކޮން ބައެއް ކަމެއް މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންވެ އެ ވީޑިއޯއާ ގުޅޭ މައުލޫމާތެއް އެއްވެސް މީހަކަށް ލިބިފައިވާ ނަމަ، ހިއްސާކޮށްދޭން ފުލުހުން އެދެ އެވެ.