ރާއްޖޭގައި މިވަގުތު 301 ހާފިޒުން އެބަތިބި ކަމަށާއި ހާފިޒުންނަށް ވުމަށް އެކި ކްލާސްތަކުގައި 1800 އަށް ވުރެ ގިނަ މީހުން ގުރުއާން ހިތުދަސްކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގައި މިވަގުތު ގުރުއާން ހިތުދަސް 162 ފިރިހެން ހާފިޒުންނާއި 139 ފިރިހެން ހާފިޒުން އެބަތިބި ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމިކް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ މި ސަރުކާރުގެ ފަސް އަހަރު ތެރޭ ރާއްޖޭގައި ތިބި ހާފިޒުންގެ އަދަދު 500 އަށް އިތުރު ކުރުމެވެ. 

"މި ވުޒާރާގެ ވިސްނުމަކީ އެ ގައުމެއްގެ އާބާދީގެ ނިސްބަތުން ދިވެހި ރާއްޖެއަކީ އެންމެ ހާފިޒުން ގިނަ ގައުމަކަށް ހެދުން، އިސްލާމީ ގައުމަކަށް ހެދުން. މިއީ އަޅުގަނޑުމެންގެ ގައުމަށް ލިބިގެންދާނެ ވަރަށް މަތިވެރި ޝަރަފެއް،" ޝަހީމް ވިދާޅުވި އެވެ.

ގުރުއާން ހިތުދަސް ކުރާ ކްލާސްތަކުގައި ގިނަ ބަޔަކު ކިޔަވަމުން އަންނަ އިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި ޒުވާނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެންމެ ގިނަ މީހުން ހިތުދަސްކުރަމުން އަންނަނީ ގުރުއާނާ ބެހޭ މަރުކަޒާއި އިލްމް އިންސްޓިޓިއުޝަންތަކުގަ އެވެ.

ހާފިޒުން ތަމްރީނު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް  ދެއްވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް އުފެއްދެވުމަށް ރައީސް ނިންމަވާފައިވާތީ މި އަހަރުގެ ނިޔަލަށް 50 ރަށެއްގައި މަރުކަޒުތައް ހުޅުވާނެ ކަމަށެވެ.

އެގޮތުން މިހާތަނަށް ހަ ގޮފި ރަޖިސްޓްރީކޮށް އިތުރު 34 ގޮފި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް  ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކްލާސްތައް ނެތް ތަންތަން ބިނާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ 31 ހާފިޒަކު ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލްކޮށްފަ އެވެ. އެއީ 19 ފިރިހެން ހާފިޒުންނާއި 12 އަންހެން ހާފިޒުންނެވެ.