ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އަހުމަދު ސައީދު (ފެނަކަ ސައީދު) ހުންނެވި ދުވަސްވަރު ހިންގި ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ހަތަރު އަހަރަށް އޭނާ ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފު ލަސްވާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން މިއަދު ފާޅުކުރައްވައިފި އެވެ.
ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރަން ސައީދު ފަރާތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅި މައްސަލަ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހައި ކޯޓުން ބަލައިގެންފައިވެ އެވެ. ނަމަވެސް، މިހާތަނަށް އެ މައްސަލައިގެ ޝަރީއަތް ފަށާފައެއް ނުވެ އެވެ.
އެކަމާ ގުޅިގެން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ސައީދުގެ އިސްތިއުނާފު ކޯޓުގައި ތާށިވެފައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ގާނޫނުއަސާސީގެ 56 ވަނަ މާއްދާ އިން ކަށަވަރު ކޮށްދޭ އިސްތިއުނާފުގެ ހައްގަށް ހުރަސް އެޅިގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އައީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.
އޭނާގެ މައްޗަށް އެ ކުށް ސާބިތުވުމާ އެކު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވެފައިވަނީ، އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށާއި އަދަބު މަތިވާ ހާލަތެއް ނެތް ކަމަށް ދައުލަތުން ބުންޏަސް ގާޒީ އަށް ލިބޭ އިހުތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރެވޭ ކަމަށެވެ.
އެހެންވެ، ކަމާ ގުޅޭ މާއްދާ އަށް ރިއާޔަތްކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ ހަތަރު އަހަރުގެ ޖަލު އަދަބު ކަނޑައަޅަންޖެހޭ ކަމަށް އިސް ގާޒީ ވިދާޅުވެފައިވެ އެވެ.
އޭގެއިތުރުން ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ އަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ވެސް ސައީދުގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާއިރު އޭނާ ވަނީ ދައުވާ އަށް އިންކާރު ކޮށްފަ އެވެ.
ސައީދު މިހާރު ހުންނެވީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފަ އެވެ. އޭނާ ވަނީ ސިއްހީ ހާލަތާ ގުޅޭ ކަންބޮޑުވުންތައް މީގެ ކުރިން ޝަރީއަތުގައި ވެސް ފާހަގަ ކޮށްފަ އެވެ. އެގޮތުން ހިތުގެ މައްސަލައަކަށް ސިއްހީ ފަރުވާ ހޯދާ ކަމަށް އޭނާގެ ފަރާތުން ބުނެފައިވެ އެވެ.