ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އަހުމަދު ސައީދު (ފެނަކަ ސައީދު) ހުންނެވި ދުވަސްވަރު ހިންގި ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ހަތަރު އަހަރަށް އޭނާ ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ. 

ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރަން ސައީދު ފަރާތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅި މައްސަލަ މިހާރު ވަނީ ހައި ކޯޓުން ރަޖިސްޓަރީ ކޮށްފަ އެވެ. 

ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އައީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.

އޭނާގެ މައްޗަށް އެ ކުށް ސާބިތުވުމާ އެކު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވީ، އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށާއި އަދަބު މަތިވާ ހާލަތެއް ނެތް ކަމަށް ދައުލަތުން ބުންޏަސް ގާޒީ އަށް ލިބޭ އިހުތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރެވޭ ކަމަށެވެ.

އެހެންވެ، ކަމާ ގުޅޭ މާއްދާ އަށް ރިއާޔަތްކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ ހަތަރު އަހަރުގެ ޖަލު އަދަބު ކަނޑައަޅަންޖެހޭ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގުން އާންމުވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވެ، ކޮރަޕްޝަންގެ އަމަލުތައް ހިންގުމަކީ އާދައިގެ މަތިން އާންމު އުސޫލުން ހިނގާ ކަމެއްގެ ގޮތުގައި ބެލެވޭ މިންވަރަށް އެކަން އާންމު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮރަޕްޝަން ހިންގާ މީހުންނަށް އަދަބު ލިބޭ ތަން ފެންނަނީ މަދުން ކަމަށާއި އަދި އަދަބު ލިބޭ ނަމަ އެ ލިބޭ އަދަބަކީ ވެސް ނިސްބަތުން ކުޑަ އަދަބަކަށް ވުމަކީ، މިފަދަ އަމަލުތައް ހިންގާ މީހުންނަށް ލިބޭ ހިތްވަރަކަށް ވާތީ އެންމެ ހަރުކަށި އަދަބު ކަނޑައަޅަންޖެހޭ ކަމަށް އިސްގާޒީ ވިދާޅުވި އެވެ.

ސައީދުގެ މައްޗަށް އެހެން މައްސަލައެއްގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ވެސް ކުރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.