ރާއްޖެ އިން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ގޮސް ތިބި ދިވެއްސަކަށް، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ކަމެއް ދިމާވެއްޖެ ނަމަ އެމްބަސީއަށް އަންގަން އިސްލާމިކް މިނިސްޓްރީން އެދިއްޖެ އެވެ. 

މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އުމްރާގައި މިހާރު ތިބި އެންމެން ވެސް ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވެ ތިބެން އިލްތިމާސްކޮށްފަ އެވެ.

އަދި މިނިސްޓްރީން ވަނީ އުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާ އެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސައުދީ ސަރުކާރުން ފޯރުކޮށްދޭ އިރުޝާދުތަކާއި އެންގުންތަކަށް އުމްރާވެރިން ސަމާލުވުމަށް ވެސް ނަސޭހަތްތެރިވެފަ އެެވެ. 

ހަނގުރާމައާ ގުޅިގެން ހާއްސަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ސައުދީގެ ރިޔާލުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަމްބަރު 966550689447+ ނުވަތަ ސައުދީގެ ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަމްބަރު 966530838329+ އަށް ވީ އެންމެ އަވަހަކަށް އަންގަން މިނިސްޓްރީން ވަނީ އެދިފަ އެވެ.

މިނިސްޓްރީން އަންނަނީ އުމްރާވެރީންނަށް ހާއްސަކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ހޮޓްލައިން ނަމްބަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މައްކާގައި ތިބި އުމްރާވެރީންގެ ކަންކަން މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މިވަގުތު އުމްރާގެ އަޅުކަމުގައި 2154 މީހުން ތިބި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ކުންފުނީގެ ހަވާލުގައި ދިޔަ 1624 އުމްރާވެރިންނާއި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ 530 އުމްރާވެރިން ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ނުވަ މިނިސްޓަރުން ހިމަނައިގެން ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައްވައިފަ އެވެ.

އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާދޭން ފަށާފައި ވަނީ އިއްޔެ އެވެ. އެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެމުންނެވެ.