މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދައި، އެންސީއައިޓީ މިއަދު އުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ "މޯލްޑިވްސް 2.0" ގެ 2025-2028 ގެ މަގުޗާޓު ތަންފީޒުކުރަން އުފެއްދި އިދާރާ ހިންގާނީ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ކަމަށެވެ.
އޭގެ އިތުރުން، އެންސީއައިޓީން މިހާތަނަށް ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ވެސް ދެން ކުރާނީ ޑިޖިޓަލް ސާވިސް އިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޑިޖިޓަލް ރާއްޖެއަކަށް ބަދަލުކުރުމުގެ މަސައްކަތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ "މޯލްޑިވްސް ޑިޖިޓަލް-ފަސްޓް ނޭޝަން" ކައުންސިލެއް ވެސް އުފައްދަވައިފަ އެވެ. އެ ކައުންސިލުގައި ތިއްބަވާނީ އެ ދާއިރާގެ ތަޖުރިބާކާރުން ކަމަށް އެ މަނިކުފާނު ކުރިން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑިޖިޓަލައިޒް ކުރުމުގެ އެއް ބޭނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރު ކުރުމެވެ. ހިދުމަތް ދެނީ އެންމެ ހަލުވި މިނުގައި ކަން ކަށަވަރުކުރުމާ އެކު އެފިޝަންޓްކޮށް، ކޮރަޕްޝަން ހުއްޓުވުމުގައި ޑިޖިޓަލައިޒް ކުރުމުގެ ބޭނުމެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ އައިޓީ ދާއިރާ ކުރިއަރުވަން އެންސީއައިޓީ އުފެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2003 ވަނަ އަހަރެވެ.