ސަރުކާރުގެ އޮފީސްތަކުގެ އޮންލައިން ޕޯޓަލްތަކަށް ވަނުމަށް ބޭނުންކުރާ "އީ-ފާސް"ގެ ދެވަނަ ވާޝަނެއް މި އަހަރު ނެރެން ނިންމައިފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވިދާޅުވީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ނުވަތަ "މޯލްޑިވްސް 2.0" ހާސިލުކުުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ބޮޑު އަޕްގްރޭޑަކާ އެކު، "އީ-ފާސް 2.0" މި އަހަރުގެ މެދު ތެރޭގައި ނެރޭނެ ކަމަށެވެ.
އެންސީއައިޓީ ހިންގުމާ ވެސް ހަވާލުވެވަޑައިގެން ހުންނެވި ކިނާނަތު ވިދާޅުވީ އެ އިދާރާއިން މިހާރު އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ ވެސް އީ-ފާސްގެ ދެވަނަ ވާޝަން ނެރުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދެވަނަ ވާޝަނެއްގެ މަސައްކަތް ފެށީ އީ-ފާސްއަކީ ޔޫސާ ފްރެންޑްލީ އެޕްލިކޭޝަނެއް ނޫން ކަމަށް ބުނެ އާންމުން ކުރާ ޝަކުވާތަކަށް ހައްލެއް ހޯދުމަށެވެ.
ކިނާނަތު ވިދާޅުވީ އީ-ފާސްގެ އާ ވާޝަން ޑިޒައިންކުރަނީ ވަރަށް އެޑްވާންސް ފީޗާސްތަކަކާ އެކުގައި ކަމަށެވެ.
- އީ-ފާސް ހުޅުވާލާ ކޮންމެ ފަހަރަކު ލޮގިންވާން ޖެހޭ މައްސަލަ ހައްލުވާނެ
- ހިދުމަތްތަކަށް އެޕްލައިކުރުމުގައި ދިމާވާ ދަތިތައް ހައްލުވާނެ
- 10 އަހަރުން ދަށުގެ ކުޑަކުދިންގެ ބެލެނިވެރިންނަށް އެ ކުދިންގެ ލޮގިންތައް ހެދޭނެ
"އީ-ފާސްގެ ޔޫޒާސްތަކުގެ ތެރޭގައި 10 އަހަރުން ދަށުގެ ކުދިން ނުހިމެނޭ. އެހެން ނަމަވެސް، އަޅުގަނޑުމެން މިހާރު ގަސްދުކުރަނީ އީ-ފާސް ވާޝަން ދޭއެއްގައި 10 އަހަރުން ދަށުގެ ކުޑަކުދިންގެ ބެލެނިވެރިންނަށް ލޮގިންއެއް ދޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ކިނާނަތު ވިދާޅުވީ 2012 ވަނަ އަހަރު ތައާރަފުކުރި އީ-ފާސްގެ އާ ވާޝަނެއް މިހާތަނަށް ނެރެފައިވާ ނުވާތީ، އެ ހިދުމަތް ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 272،000 މީހުން މިހާރު އީ-ފާސް ބޭނުންކުރެ އެވެ.