އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ހައްޔަރުކުރީ އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ފަދަ މައުލޫމާތު ފެތުރުމުގެ ތުހުމަތުގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ތޮއްޔިބު ހައްޔަރުކުރި ކުރުމާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލް އިން ފާޑު ކިޔާފައި ވަނިކޮށް، އިނގިރޭސި ބަހުން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ތޮއްޔިބު ހައްޔަރުކުރީ ދޮގު މައުލޫމާތު ފަތުރައިގެން ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަނީ އަދި ތޮއްޔިބާ މެދު އަމަލު ކުރަމުން އަންނަނީ ގާނޫނީ އިމުގެ ތެރެއިން، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ދޭ ކަމަށް ބަޔާނުގައި ފުލުހުން ބުނެފައިވެ އެވެ.
ތޮއްޔިބުގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކޯޓުން އިތުރުކޮށްދީފައިވާއިރު، އެންމެ ފަހުން އިތުރުކޮށް ދިން 15 ދުވަހުގެ މުއްދަތުގެ މައްސަލަ އޭނާގެ ފަރާތުން ވަނީ އިސްތިއުނާފް ކޮށްފަ އެވެ.