ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށަން އިމިގްރޭޝަނުން ނިންމައިފި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ކުރީ ސަރުކާރުގައި އެ މީހުން ރަޖިސްޓަރީކޮށް، ގަވައިދަށް ފެއްތުމަށް ލިސްޓެއް ހެދި އެވެ. އަދި ކޮވިޑާ ގުޅިގެން ގިނަ އަދަދެއްގެ ބިދޭސީން އަނބުރާ ފޮނުވާލި އެވެ. ނަމަވެސް އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބުނެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީ އާއި ވިސާ ބެލުމަށްފަހު އިމިގްރޭޝަން ގާނޫނާއި ހިލާފުވާ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

"މި ހާއްސަ އޮޕަރޭޝަން ކުރިއަށްދާއިރު، އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ސައްހަ ހުއްދައެއް ނެތް ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން މުހައްމަދު ވަހީދު "މިހާރު" އަށް ވިދާޅުވީ އެ އޮޕަރޭޝަންގައި ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެއިން ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.

މިފަދަ ކަމެއް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމާއި މަސައްކަތް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވައިދާ އެއްގޮތަށް ބައްޓަން ކުރުން ވެސް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން މަސައްކަތްތަކުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއި ސަރުކާރުގެ ވުޒާރާތަކާއި ބޭރުގެ އެމްބަސީތަކާއި ރައްޔިތުންނާއި މިކަމާއި ގުޅުންހުރި ހުރިހާ ތަނެއް ބައިވެރިކޮށް ފިޔަވަޅުތަކެއް އެޅުން ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

މިދިޔަ އަހަރުގެ ބޯހިމެނުމުން ދެއްކި ގޮތުގައި ރާއްޖޭގައި 97،164 ބިދޭސީން އުޅެ އެވެ. އޭގެ ތެރެއިން 32,470 މީހުން ދިރިއުޅެނީ މާލޭގަ އެވެ.