މުޅި ރާއްޖެ ހައި ސްޕީޑު ފެރީން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ ސަބަބުން، ބޮޑުތިލަދުންމަތީ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސް، ދަތުރުތަކަށް ކުރާ ހަރަދުން އަހަރަކު 100 މިލިއަން ރުފިޔާ ސަލާމަތްވާ ކަމަށް، އެކަމާ ގުޅޭގޮތުން ހެދި ދިރާސާއިން ދައްކައިފި އެވެ.
މި ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އާރްޓީއެލް މިދިޔަ ޖޫން މަހު އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅުންނެވެ. އޭގެ ފަހުން ހއ. އަތޮޅުގެ ރަށްތައް މި ފެރީން ގުޅުވާލައި، މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ށ. އަތޮޅުގައި ވެސް އެ ހިދުމަތް ފަށައި، އެ ތިން އަތޮޅު ވެސް ގުޅުވާލައިފަ އެވެ.
އެ ހިދުމަތަށް އަހަރަށް ވެފައި ވާއިރު، އެކަމުގެ ސަބަބުން އައި އިޖުތިމާއީ އަދި އިގުތިސާދީ ބަދަލުތަކާ ގުޅޭގޮތުން، ޕްލޭނިން މިނިސްޓްރީން އެފްޖޭއެސް ކޮންސަލްޓިން އާ ހަވާލުކޮށްގެން ހެދި ދިރާސާގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި، ކޮންސަލްޓިން ފާމްގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ދީނާ ޝަރީފް ވިދާޅުވީ އުތުރުގައި މީހުން ދިރިއުޅޭ 41 ރަށުގެ ތެރެއިން މި ދިރާސާގައި 16 ރަށުން މައުލޫމާތު އެއްކުރި ކަމަށެވެ.
ހުރިހާ އުމުރަކުން ވެސް ދެ ޖިންސު އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރިއިރު، އެ ދިރާސާގައި ޕަބްލިކް ސެކްޓާއިން 787 މީހުން އަދި ވިޔަފާރީގެ ނަޒަރުން ބެލުމަށް 106 ވިޔަފާރިއެއްގެ ފަރާތުން މައުލޫމާތު ހޯދި އެވެ.
ދިރާސާގައި ބައިވެރިވި ގިނަ މީހުން ބުނީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ގިނައިން ދަތުރުކުރީ އާރްޓީއެލްގައި ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ މީހުން ދަތުރުކުރީ، އެ ސަރަހައްދުގެ މައި ހަބް ކަމަށްވާ ކުޅުދުއްފުއްޓަށެވެ. އެއީ ޑޮކްޓަރަށް ދެއްކުމާއި ސިއްހީ އެހެން ފަރުވާތައް ހޯދުމަށެވެ. ދެ ވަނަ އަދި ތިން ވަނައަށް އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ އެއާޕޯޓަށް ދާން ނުވަތަ ގާތް މީހުންނާއި ރައްޓެހިންނާ ބައްދަލުކުރުމަށެވެ.
ސިއްހީ ފަރުވާ ހޯދަން ވެސް ވަރަށް ފަސޭހަވެއްޖެ
ރާއްޖޭގެ އުތުރުގެ ގިނަ މީހުން ސިއްހީ ފަރުވާ ހޯދުމަށް އަބަދު =ވެސް ބަރޯސާވަނީ ކުޅުދުއްފުއްޓަށެވެ. އެކަމަކު، މިހާތަނަށް ދަތުރުފަތުރު އޮތީ ވަރަށް ދަތިކޮށް އަދި ވަގުތު ހޭދަވާ ގޮތަށެވެ.
ނަމަވެސް، އާރްޓީއެލްގެ ސަބަބުން، ސިއްހީ ހިދުމަތް ހޯދަން އެތައް ގޮތަކުން ފަސޭހަވެފައިވާ ކަމަށް މި ދިރާސާގައި ބައިވެރިވި 94 ޕަސެންޓް މީހުން ބުންޏެވެ.
"ފެރީ ޝެޑިއުލްތަކުގެ ސަބަބުން، ބަލި މީހުންނަށް އެއް ދުވަހު ރިޕޯޓާ އެކު ކޮންސަލްޓޭޝަން، ޓެސްޓު އަދި ޕޯސްޓް ޓެސްޓް ކޮންސަލްޓޭޝަންތަކަށް އަވަސް ބަދަލުތަކެއް ގެނެވޭ،" ދިރާސާގައި ފާހަގަކުރެވުނު ކަންތައްތަކަށް ފަހު އެފްޖޭއެސް ކޮންސަލްޓެންސީން ބުންޏެވެ.
"ގޭބިސީތަކަށާއި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ބޭހާއި ފާމަޝޫޓިކަލް އައިޓަމްތައް ހޯދަން ފަސޭހަވޭ."
ރަށުގައި ހުންނަ ހެލްތު ސެންޓަރުން ނުހެދޭ ޓެސްޓެއް ހަދަންޖެހޭ ނަމަ މީގެ ކުރިން ޖެހެނީ ކުޅުދުއްފުއްޓަށް ދާށެވެ. އެކަމަކު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އެމްޓީސީސީ އަދި އެ އަތޮޅުގެ ސިއްހީ މަރުކަޒުތަކުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ސާމްޕަލް ނަގައިގެން ފޮނުވޭ ހުރިހާ ޓެސްޓަކަށް ސާމްޕަލް ފޮނުވައިދެ އެވެ.
ދީނާ ވިދާޅުވި ގޮތުގައި، ބަލި މީހާގެ ހާލަތު ގޯސްވުމުގެ ކުރިން ފަރުވާ ހޯދާ ކަމަށް ހޮސްޕިޓަލްތަކުން މައުލޫމާތު ދީފައިވެ އެވެ.
ތައުލީމު ހާސިލްކުރަން ވެސް ބޮޑު ލުއެއް
ހައި ސްޕީޑް ފެރީއާ އެކު، ދަތުރުކުރުން އިތުރުވެ މަތީ ތައުލީމް ހާސިލްކުރަން ވެސް އެތައް ގުނައަކުން ފަސޭހަވެފައިވާ ކަމަށް، ދިރާސާގައި ބައިވެރިވި މީހުން ވަނީ ބުނެފަ އެވެ. ކުޅުދުއްފުށީގައި ހިންގާ އެމްއެންޔޫގެ ކެމްޕަސްގައި ހަފުތާ ބަންދުގައި ނަގާ ކްލާސްތަކާއި ބްލޮކް މޯޑުގައި ކިޔަވައިދޭ ކޯސްތަކުގެ އިތުރުން ކުޅުދުއްފުށީގައި ހިންގާ އެހެން ކޮލެޖުތަކުން ކިޔަވަން ދަތުރުކުރުމަށް ފަސޭހަވެއްޖެ ކަމަށް، މި ދިރާސާގައި ބައިވެރިވި 83 ޕަސެންޓް މީހުން ބުންޏެވެ.
"ޔުނިވާސިޓީ/ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވާ އެކި ރަށްރަށުން ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުވުމަކީ، އިންސްޓިއުޝަނަލް ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިކޮށްދޭ ކަމެއް،" އެފްޖޭއެސް ކޮންސަލްޓެންސީން ބުންޏެވެ.
އާރްޓީއެލްއާ އެކު ސްކޫލާއި ކިޔެވުމަށް ބޭނުންވާ އެހެނިހެން ސާމާނު ހޯދުމަށް ވެސް ފަސޭހަވެފައިވާ ކަމަށް ބުންޏެވެ.
މިއީ އިޖުތިމާއީ ގުޅުންތައް ވެސް ބަދަހިވާ ކަމެއް
މި ދިރާސާގައި ބައިވެރިވި 89 ޕަސެންޓް މީހުން ވަނީ އެހެން ރަށްރަށުގައި ދިރިއުޅޭ އާއިލާ މީހުންނާއި ރައްޓެހިންނާ ވެސް، އާރްޓީއެލް ފެރީގެ ސަބަބުން ގުޅުން ބަދަހިވެފައިވާ ކަމަށެވެ. ހެޔޮ އަގެއްގައި ދަތުރުކުރެވޭތީ އާއިލީ ގުޅުންތަކާއި އިޖުތިމާއީ ގުޅުންތައް ދަމަހައްޓަން ބޮޑު އެހީއަކަށް ވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ސަރުކާރުގެ އިދާރާތަކުން ހިދުމަތް ހޯދުމަށް ވެސް ފަސޭހަވެއްޖެ ކަމަށް ބުންޏެވެ.
ޖީބަށް ލުއިވެ، އިގުތިސާދަށް ފަސޭހަ
ދީނާ ވިދާޅުވި ގޮތުގައި ބޮޑު ތިލަދުންމަތީގެ ގޭބިސީތަކުން މީގެ ކުރިން ދަތުރުކުރަން މަހަކު އެވްރެޖުކޮށް 800ރ. ހަރަދުކުރާ ކަމަށެވެ. ނަމަވެސް، އާރުޓީއެލްގެ ސަބަބުން އެ އަދަދު އެތައް ގުނައެއް ކުޑަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި 10،500 ގޭބިސީ ހުންނައިރު، އެއީ އަހަރަކަށް ބަލާއިރު 100 މިލިއަނެއްހާ ރުފިޔާ އެވެ.
އެކަމަކު، އާރްޓީއެލްގެ ސަބަބުން ދަތުރުފަތުރަށް ކުރާ ހަރަދުން އެތައް މިލިއަނެއް ސަލާމަތްވެފައިވާކަން، އޭނާ ފާހަގަކުރެއްވި އެވެ.
ހައި ސްޕީޑް ފެރީއާ ހެދި ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވަޒީފާ އިތުރުވެފައިވާއިރު، ދަތުރުކުރުމަށް ކުރާ ހޭދަ ކުޑަވުމުގެ ނަތީޖާއެއްގެ ގޮތުން މާލީ ހާލަތު ރަނގަޅުވެފައިވާ ކަމަށް، ދިރާސާގައި ބައިވެރިވި މީހުން ބުނެފައިވެ އެވެ.
އެ ހިދުމަތުގެ ސަބަބުން ޖުމްލަކޮށް ތިލަދުންމަތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު، އާއްމު ދަތުރުފަތުރަށް ބޭނުންކުރާ އެ ފެރީގައި ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރާ މުދާ އުފުލޭ ގޮތެއް ނެތުމުގެ ކަންބޮޑުވުންތައް ވެސް މި ދިރާސާގައި ފާޅުކޮށްފައިވެ އެވެ. އެހެންވެ، އިތުރު ފަރާތަކާ ގުޅިގެން ކޮރިއަ ނުވަތަ މުދާ އުފުލޭނެ ގޮތެއް ހަމަޖެއްސުމަށް ލަފާ ދީފައިވެ އެވެ.