ލާމަރުކަޒީ ގާނޫނުން ރައީސަށް ލިބިވަޑަައިގަންނަވާ ބާރުގެ ދަށުން ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހުގެ 30 ގައި ނިންމެވިޔަސް އެ ރަށުގެ މީހުންނަށް އޭގެ އިހުސާސް ނުކުރެވޭ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑާ ބައްދަލުވި އެކަކު މި ބުނަނީ ނާޒިމްއޭ މި ރަށް ކާޑަށް ޖެހިއްޖެއޭ. މިއަދު ތިމަންނަ މި އުޅެނީ ކާޑު ގަނެލެވޭނެ ގޮތެއް ނެތިގެންނޭ. އެއް ފިހާރަ އަށް ދިޔައީމާ ބުންޏޭ މި ފިހާރައަކު ނެތޭ. ދެން ފިހާރަ އަށް ދިޔައީމާ ބުންޏޭ 400ރ. އަށް ބަސްތާ ގަންނަން ބޭނުމިއްޔާ ގަންނާށޭ. ނޫނިއްޔާ ދާށޭ،" ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތިނަދޫގައި އިއްޔެ ދޮރުންދޮރަށް ހިންގެވި އިރު ދިމާވި ކަމަކަށް އަލިއަޅުއްވައި ލައްވަމުން ނާޒިމް ވިދާޅުވި އެވެ.

"ތިމަންނަ ވަރަށް ބޮޑަށް ވާހަކަ ދައްކައިގެން 300ރ. އަށް ލިބޭ ވަރު ވިއޭ."

ނާޒިމް ވިދާޅުވީ، ތިނަދުއަކީ އެންމެ އާދައިގެ ކާބޯތަކެތި ވެސް ނުލިބޭ ރަށަކަށް ވެފައި ވާއިރު ސިޓީގެ ދަރަޖަ ދޭން ހެޔޮނުވާނެ ކަމަށެވެ.

"ތިޔަބޭފުޅުން އެބަޖެހޭ ވިސްނާލަން. ކުލަތަކުން މީހުން އައިސް މި ތާނގައި ޖަރީ ކޮށްގެން ދިދަފަތި ދަމައިގެން ބޭފުޅުން ވަޑައިގެން ދެއްކީމާ ގަބޫލުފުޅު ނުކުރައްވާ. ދުރާއި ގާތުން މި ޖަލްސާ ބައްލަވާ މި ދާއިރާގެ ލޮބުވެތި ރައްޔިތުން ވިސްނާވަޑައިގަންނަވާ ތިބޭފުޅުން ތި ތިބީ ހައްގު މިންވަރަކު ނޫން،" ނާޒިމް ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ، އޭނާ އަކީ ކެމްޕެއިންގައި ވަކިވަކިން ގޭގެ އަށް ވަޑައިގެން މީހުންގެ ހާލަތު ބައްލަވާ ބޭފުޅެއް ކަމަށެވެ. ފެނިވަޑައިގެންނެވި މަންޒަރުތަކަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވި ގޮތުގައި ގިނަ ގޭގޭގައި ސީލިންއެއް ނެތެވެ.

"ފަންކާ އަނބުރާލީމާ އެ ވާ ހޫނުން އޮބި ނޯވޭ މެންދުރުދަޅައިގައި. މިއީ ހާލަތު،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، މި ފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން އޭނާ ބޭނުންވަނީ ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން ކަމަށެވެ. އެ ހާލަތު ރަނގަޅު ނުވުމުން އިޖުތިމާއީ ބައިވަރު މައްސަލަތައް ނުކުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫގެ ހާލަތު ރަނގަޅު ނުކޮށް، ސިޓީގެ ދަރަޖަ ދިން މައްސަލާގައި ނާޒިމް ވިދާޅުވީ، ސިޔާސީ ބޭފުޅުން ވަޑައިގެން ދައްކަވާ ކޮންމެ ވާހަކައަކަށް އަތް ޖަހާ ނަމަ ބަދަލެއް ނުފެންނާނެ ކަމަށެވެ.

"ތިޔަބޭފުޅުން ތިއްބަވަން ޖެހޭނީ އަބަދު ތި ހާލުގައި. ތިބޭފުޅުންނަށް އެއްވެސް ވަރެއްގެ އުފަލުން ލިބުމުން މަހުރޫމް ވެފައި ތިބެން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ތިނަދޫގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ، އެ ރަށުގެ ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަން އުޅޭ ވާހަކަ ދައްކާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި އެކަމަކު ތިނަދޫގެ މީހުންގެ ވާހަތަކުން އެނގިވަޑައިގަތީ އެކަން ހާސިލް ވާން އަދިވެސް ގިނަ ދުވަސްތަކެއް ނަގާނެ ކަން ކަމަށެވެ. ސިއްހީ އެންމެ އާދައިގެ ކަންކަމުގައި ވެސް ތިނަދޫ މީހުން ބޮޑެތި ތަކުލީފުތަކެއް އުފުލާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ތިޔަބޭފުޅުން އެބަޖެހޭ ވިސްނާލަން. ކުލަތަކުން މީހުން އައިސް މި ތާނގައި ޖަރީ ކޮށްގެން ދިދަފަތި ދަމައިގެން ބޭފުޅުން ވަޑައިގެން ދެއްކީމާ ގަބޫލުފުޅު ނުކުރައްވާ.--- ނާޒިމް

މާލެ އަށް އައިސް ސިއްހީ ފަރުވާ ހޯދަން އެވްރެޖްކޮށް ދުވާލަކު 1،500ރ. ހަރަދު ކުރާ ކަމަށް ތިނަދު އާއި މަޑަވެލިން ވާހަކަ ދެއްކެވި މީހުންނާ ހަވާލާ ދެއްވައި ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިޔާލަށް ގެންނަންވާ ފެނަކައިން ގަދަކަމުން ގެންގޮސް ވަޒީފާ ދީފައި 8،000ރ. ލިބޭ މީހަކު، އެ މީހާ މާލެ އަށް ގޮސް ދުވާލަކު 1.500ރ. ދައްކަން ޖެހުނީމާ އޭނާ އަށް ކުރާނެ އިހުސާސް. އެއީ ޓިކެޓްގެ ލާރީގެ ވާހަކަ ނުލާ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ މި ސަރަހައްދުގައި ހާއްސަ ގޮތެއްގައި ތެނަދޫގައި މި ހުރި ހޮސްޕިޓަލީ ޒަމާނީ ފެންވަރަށް ބަދަލުކުރެވިފައި ހުރި، ރަނގަޅު ހިދުމަތް ދެވޭ ތަނަކަށް ހަދަން. އަދި އެ ތަނަކީ ޓާޝަރީ ފެންވަރަށް ދާއިމަށް އޮންނަ ތަނަކަށް ހަދަން. އެއް ދުވަހު ޓާޝަރީ އަނެއް ދުވަހު ދަށަށް ގޮސްގެން ނުވާނެ."

އެކްޓިން ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވީ ތިނަދޫގެ ސިއްހީ ހިދުމަތް އެ ފެންވަރަށް ގެންދެވޭނެ ކަމަށެވެ. ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ތިނަދޫ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ތަނަކަށް ބަދަލު ކުރައްވާނެ ކަމަށެވެ.