ވިލާ އެއާ އަށް 50 އަހަރަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ކާޑެއްދޫ އެއާޕޯޓު އޭނާގެ ވެރިކަމެއްގައި ސަރުކާރުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އޭނާ އެހެން ވިދާޅުވިއިރު، އެ ތަން ސަރުކާރަށް އަތުލަން މި ސަރުކާރުން ޖެނުއަރީ 2017 ގައި ނިންމި އެވެ. އެކަމަކު، ވިލާ އެއާ އިން ޝަރީއަތަށް ހުށަހެޅުމުން އެ މައްސަލަ މޭ 10، 2021 ގައި ސުޕްރީމް ކޯޓުން ނިންމީ ވިލާ އެއާއާ އެއްކޮޅަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް 2013 ގައި ކާޑެއްދޫ އެއާޕޯޓް ހިންގަން 50 އަހަރަށް ދީފައި ވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގައި ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ

ނަމަވެސް ސުޕްރީމް ކޯޓުން ހުކުމްކުރީ ވިލާ އެއާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން ސަރުކާރުން އުވައިލީ ގޯސްކޮށް ކަމަށެވެ. އެހެންވެ، އެ ތަން ވިލާ އެއާ އަށް އަނބުރާ ދޭން ސުޕްރީމް ކޯޓުން ކުރި ހުކުމާ އެއްގޮތަށް މި ސަރުކާރުން ވަނީ އަމަލުކޮށްފަ އެވެ.

ކާޑެއްދޫ އެއާޕޯޓް އަލުން ވިލާ އެއާއާ ހަވާލުކުރީ މާޗް 1، 2022 ގަ އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ދުނިޔޭގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު އިގްތިސާދު ބާރުވެރި ކުރުވާ އެއް ގޮތަކީ ދަތުރުފަތުރުގެ ނިޒާމު ރަނގަޅު ކުރުން ކަމަށެވެ.

ނަމަވެސް ހުވަދޫ ސަރަހައްދުގައި ހިންގާ ކާޑެއްދޫ އެއާޕޯޓު އޮތީ މީގެ 20-25 އަހަރު ކުރިން އޮތް ހާލަތުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މިހާރު މިތަނަށް އައީމަ ވެސް އެ އެއާޕޯޓުގެ އަށިމައްޗަށް ލަގެޖު އެއްލާލާ ތަނާއި ގާޑިއަލަކަށް ލައިގެން ދަމާތަނާއި ނުކުންނަ ގޮތަށް ފާހަނައެއް ނެތިފައި ހުންނަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހާލަތު ބަދަލު ކުރުމަށް ކާޑެއްދޫ އެއާޕޯޓު އަމިއްލަ މީހެއްގެ އަތުގައި އޮތް އޮތުން އޭނާ ނިމުމަކަށް ގެންނާނެ އެވެ.

ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގައި އެތަން ތަރައްގީ ކުރުމަށް ފަހު އިންޓަނޭޝަނަލް ފެންވަރަށް ގެންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މިކަން ނުކުރެވި އަމިއްލަ ވިޔަފާރިވެރިންގެ ދަށުވެގެން ސަރުކާރެއް ނުހިންގޭނެ. ކަންކަން ކުރަން އެނގިގެން ކަންކަން ކުރަން އަންނަން ޖެހޭނީ. އަޅުގަނޑަށް ގަބޫލުކުރެވޭ އެކަން ކުރެވިދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ހަމައެކަނި އެއާޕޯޓެއް އޮތުމަކުން ވެސް ތަރައްގީއެއް ނުވާނެ ކަމަށެވެ.

އެއާ ގުޅުން ހުރި ކަންކަން ކުރަން ޖެހޭނެ ކަމަށާއި ހުވަދޫ ސަރަހައްދުގައި ޓޫރިޒަމް ފުޅާވާން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. ހުވަދޫ އަތޮޅުގައި ސިޓީ ހޮޓާތައް އިމާރާތްކޮށް، ވަޒީފާތައް އުފައްދަން ވެސް ނާޒިމް ރޭ ވައުދުވެވަޑައިގަތެވެ.

މިކަން ނުކުރެވި އަމިއްލަ ވިޔަފާރިވެރިންގެ ދަށުވެގެން ސަރުކާރެއް ނުހިންގޭނެ. ކަންކަން ކުރަން އެނގިގެން ކަންކަން ކުރަން އަންނަން ޖެހޭނީ. އަޅުގަނޑަށް ގަބޫލުކުރެވޭ އެކަން ކުރެވިދާނެ ކަމަށް،"--- ނާޒިމް

އޭނާ ވިދާޅުވީ، ގދ. މަޑަވެއްޔާއި ހޯނޑެއްދުއަކީ މުސްތަގުބަލް އޮތް ދެ ރަށް ކަމަށާއި މަސްފިނިކޮށް، ރައްކާ ކުރެވޭނެ ނިޒާމަކާއި ދަޅުމަސް ބަންދުކޮށް، ރާއްޖެ އިން ބޭރަށް ފޮނުވޭނެ ގޮތް ވެސް އެމްއެންޕީގެ ވެރިކަމެއް ހަދާނެ ކަމަށެވެ. އަދި ތިނަދޫގައި ވެސް މަސް ގަނެ، ރައްކާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މަސްވެރިން މިއަދު އެންމެ ބޮޑަށް ކުރި ޝަކުވާ ނިމުމަކަށް އަންނާނީ ލާމެހި ގުޅުވާލީމާ. ލާމެހި ގުޅާލީމާ މިހާރު މި ރަށުގެ މަސްވެރިން ކޫއްޑު އަށް ގޮސް މަސް ކިރުން ނިމުމަކަށް އަންނާނެ. ތެލުގެ ހަރަދާއި އެ ނޫން ހަރަދުތައް މަދު ނުކުރެވޭ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އޭގެ ނަފާއެއް ނުލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.