ހދ. ކުމުންދު އަށް ހިލަ ހިފައިގެން ދިޔަ އެމްޓީސީސީގެ ބާޖެއް އެ ރަށު ނެރުމައްޗަށް އުރިއްޖެ އެވެ.
އެ ރަށު ކައުންސިލް މެމްބަރު އަލީ އަންވަރު ވިދާޅުވީ އެ ބާޖު ނެރުމައްޗަށް އުރުނީ އިއްޔެ ހަވީރު ކަމަށެވެ. ބާޖު ތިލަ ކުރުމަށް މަސައްކަތް އިއްޔެއިން ފެށިގެން ކުރަމުން އަންނަ ކަމަށާއި އެކަމަކު އަދި ފުން ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިޔަވަރު ވަރަށް ބޮޑަށް ހިކިފައި އޮތީމަ ފުން ނުކުރެވިގެން އުޅެނީ. ދިޔަވަރު ބޮޑުވާން ފެށީމަ ފުން ކުރެވޭނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ ނެރުމައްޗަށް އުރުނު ބާޖަކީ ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ހިލަ ހިފައިގެން ދިިޔަ ބާޖެއް ކަމަށެވެ. ބާޖު އޮތީ ނެރުގެ އެއް ފަޅިއެއްގައި ކަމުން އެހެން އުޅަނދުފަހަރު ފަޅަށް ވަދެ ނިކުތުމަށް ދަތި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަށު ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އޭޕްރީލް މަހު އެވެ.
އެމްޓީސީސީއާ ހަވާލު ކުރީ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެ ރަށުގެ އިރުމަތީ ފަރާތުގައި މިހާރު ހުރި 154 މީޓަރު ވާޓަރު މަރާމާތުކޮށް، 154 މީޓަރު ޕޭވްމަންޓް މަރާމާތުކޮށް، ކޮޅުވެއްޓި ބޭނުން ކުރުމަށް ރޭމްޕެއް ގާއިމުކުރުމާއި 100 ފޫޓު ޓީޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތެވެ.
މީގެ އިތުރުން، އެ ރަށުގެ އުތުރުފަރާތަށް 700 ފޫޓަށް ވާޓަރު އިތުރުކޮށް، ބަނދަރު ބޮޑުކުރުމާއި، 290 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ލުމުގެ މަސައްކަތާއި، 40 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް، 60 މީޓަރު ބޮޑު ހިލައިގެ ގްރޮއިން، ބަނދަރު މަގު ބައްތި ހަރުކުރުން އަދި 120 މީޓަރު ކޮންކްރީޓް ޖެޓީ ގާއިމު ކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.