ހދ. ކުމުންދޫގެ ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ދިޔަ އާ ފަޅު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
އެމްޓީސީސީން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން 9346.56 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވަނީ ފުންކޮށްފަ އެވެ. އަދި އެ ރަށުގެ ނެރު ފުންކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފާވާކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ކުމުންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން، އެ ރަށުގެ ނެރަށް ވަދެވެން އޮންނަ ދިމާލުން ބޮޑު ސަރަހައްދެއް ފުންކުރުމާއި، ބޭރު ތޮށި ލުމާ އެކު ރިވެޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. އަދި ބަނދަރުގެ ނެވިގޭޝަން ލައިޓު ވެސް ހަރުކުރާނީ މި މަޝްރޫއުގެ ދަށުން އެމްޓީސީސީންނެވެ.
ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މަސައްކަތުގެ އަގަށް 35.6 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި މަޝްރޫއު ނިންމަން އެއްބަސްވީ ހަތް މަސް ދުވަހުގެ ތެރޭގަ އެވެ.