ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ރޯކޮށްލަން ގޮވާލައި ކުރި ޓްވީޓެއްގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަައްބާސް އާދިލް ރިޒާގެ ބަންދަަށް އިތުރު ހަތް ދުވަސް ކްރިމިނަލް ކޯޓުން ދީފި އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އައްބާސް ހައްޔަރު ކުރީ، އައްޑޫގައި ފެބުރުއަރީ 8، 2012 ގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ބުނެ އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުން އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ހިތްވަރު ލިބޭ ގޮތަށް ޓްވީޓްކުރުމުންނެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ ފުލުހުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެންމެ ފުރަތަމަ ބަންދަށް ދީފައި ވަނީ ފަސް ދުވަހެވެ. އެ މުއްދަތު މިދިޔަ ހުކުރު ދުވަހު ހަމަވުމުން ބަންދު އިތުރުކުރަން ކޯޓަށް ގެންދިޔުމުން އިތުރު ހަތް ދުވަސް އޭނާގެ ބަންދަށް މިހާރު ވަނީ ދީފަ އެވެ.
ނަމަވެސް އައްބާސް ބުނާގޮތުގައި އެއީ އޭނާ ބޭނުންކުރާ ޓުވިޓާ އެކައުންޓެއް ނޫނެވެ. އެ ޓްވިޓާ އެކައުންޓުގެ މައްސަލަ މިދިޔަ އަހަރު ޕޮލިހަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް، އެނގިފައިވާ ގޮތުން ފުލުހުން ވަނީ އެއީ އޭނާގެ އެކައުންޓެއްކަން ކަށަވަރުކޮށްފަ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ އައްބާސްއަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އާއި މި ވެރިކަމުގެ ކުރީކޮޅު ފުރުއްވި އެވެ.