ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކުރި ނެޝަނަލް ޗެސް އާކޭޑް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ހުޅުއްވައިދެއްވައިފި އެވެ.

އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވުމުގެ ގޮތުން ފުރަތަމަ ބޯޑުގެ ކުޅުން ފައްޓަވައިދެއްވައިފަ އެވެ. މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމްގެ އިތުރުން ކުޅިވަރުގެ ދާއިރާގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ ރާއްޖޭގައި ޗެސް ކުޅުމަށް ހާއްސަ އެސޯސިއޭޝަނެއް އޮންނަތާ އެތައް ދުވަހެއްވީއިރު ވެސް އެ އެސޯސިއޭޝަންގެ ހަރަކާތްތައް މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ އެކި ތަންތަން ކުއްޔަށް ނަގައިގެން ކަމަށެވެ. އެހެންވެ ޗެސް ކުޅެން ހާއްސަ ތަނެއް ހަމަޖެހުމަކީ ރާއްޖޭގެ ކުޅިވަރަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

ޗެސް އެސޯސިއޭޝަނުން ވެސް ބުނީ އެކި މުބާރާތްތައް ބާއްވަން މީގެ ކުރިން އުޅެން ޖެހުނީ ވަރަށް އުނދަގޫ ހާލައްގައި ކަމަށާއި އެކަމަކު މި ހޯލު ލިބުމުން، އެސޯސިއޭޝަންގެ ހިންގަން ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޗެސް އާކޭޑްގައި ބާއްވާ ފުރަތަމަ މުބާރާތަކީ މިއަދުން ފެށިގެން އަންނަ މަހު ހަތް ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ ޗެސް ޗެމްޕިއަންޝިޕެވެ. މި މުބާރާތުގައި ގިނަ ބަޔަކު ވާދަކުރެ އެވެ. މި މުބާރާތުގެ އެންމެ މޮޅު ފަސް އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ގައުމީ ޗެސް ޓީމުން ފުރުސަތު ލިބޭނެކަމަށް ޗެސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކޮންމެ އަހަރަކު ވެސް މަދުވެގެން 500،000ރ. ގެ ބަޖެޓެއް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ކުދި އެސޯސިއޭޝަންތަކަށް ކަމަށް ކުޅިވަރުގެ ގިނަ ފަރާތްތަކުން ގަބޫލުކުރެ އެވެ. އެ ގޮތުން ޗެސް އެސޯސިއޭޝަަނަށް ވެސް ލުއިތަކެއް ލިބޭނެ އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ 45 އަށް ވުރެ ގިނަ ގައުމުގައި މާއްދާއެއްގެ ގޮތުގައި ޗެސް އަންނަނީ ކިޔަވައިދެމުންނެވެ. މީގެ ތެރޭގައި ޔުރަޕްގެ ވަރަށް ގިނަ ގައުމުތަކުގެ އިތުރުން އެމެރިކާ ހިމެނެ އެވެ. ރާއްޖޭގެ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ވެސް 2015 އަހަރުން ފެށިގެން މާއްދާއެއްގެ ގޮތުގައި ޗެސް ކިޔަވައިދެ އެވެ. ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ރާއްޖޭގެ ޗެސް ކުޅުންތެރިން ވަނީ މީގެ ކުރިން ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ.