ގައުމީ ޗެސް ޓީމުން، އިކާން ވަލީދަށް ފުރަތަމަ ފަހަރަށް މި އަހަރު ފުރުސަތު ލިބުނު އިރު އޭނާގެ އުމުރަކީ 15 އަހަރެވެ. މިއީ ރާއްޖޭގެ ގައުމީ ފިރިހެން ޗެސް ޓީމަށް އައި ތާރީހީ ބަދަލެކެވެ.ގައުމީ ފިރިހެން ޗެސް ޓީމުން މިހާތަނަށް ފުރުސަތު ހޯދި އެންމެ ހަގު އެތުލީޓަކީ އިކާން އެވެ.
ޖުމުލަ 65 ބައިވެރިންގެ ތެރެއިން ގަދަ ފަހެއް ކަށަވަރުކޮށް، ގައުމީ ޓީމުގެ ޖާގަ އާ އެކު އިކާންގެ އުންމީދުތައް މަތިވެއްޖެ އެވެ. އެކަމަކު އޭނާ ކުޅިބައި އަތުރާލައިގެން ހުރީ ފަހަރަކު މަނަލެއް ހޯދަމުން ގޮސް ރާޒުވާގެ އެންމެ ދުރަށް ދިއުމަށެވެ.
އޭނާގެ ބައްޕަ ވަލީދު ބުނިގޮތުގައި އިކާން ޗެސް ކުޅެންފެށީ އުމުރުން ފަސްވަރަކަށް އަހަރުގައި ގޭމް ކުޅުމުގެ ތެރެއިން އަމިއްލައަށް ދަސްކޮށްގެންނެވެ. އެކަމަކު ވާދަވެރި ކުޅިވަރެއްގެ ތެރެއިން ކުރިއަށް ދިއުމުގެ ވިސްނުމެއް އޭރު ނެތެވެ. އެކަމަކު އިންޓަ ސްކޫލް މުބާރާތުގައި ޖަމާލުއްދީން ސްކޫލަށް ޓީމަށް އުމުރުން ހަތް އަހަރުގައި ކުޅެ އެ އުމުރުފުރާއިން ޗެމްޕިއަންކަން ހޯދައި ޗެސްގައި ކުރިއަށްދާން އިކާން ނިންމި އެވެ.
"އެ ފަހަރު ވެސް ވަރަށް ރަނގަޅަށް ކުޅެވުނު. ދެން އެހާހިސާބުން އިންޓަރެސްޓް އިފެދުނީ ސްޕޯޓެއްގެ ގޮތުގައި ޗޫޒްކުރަން ވެސް،" ދެކުނު އޭޝިއާގެ ޗެސް ފެސްޓިވަލުން ދެވަނަ ހޯދި އިކާން ކިޔައި ދިނެވެ.
އިންޓަ ސްކޫލް މުބާރާތުގެ ކާމިޔާބާ އެކު، ޗެސް އެސޯސިއޭޝަނުން ފަހިކޮށް ދިން ފުރުސަތުގައި ސިންގަޕޫރުގައި 2015 ގައި އޮތް އޭޝިއަން ޖޫނިއާ ސްކޫލް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ލިބުނެވެ. އެއީ ބޭރުގެ މުބާރާތެއްގައި އިކާން ފުރަތަމަ މުބާރެތެވެ. ޗެސްގެ މާބޮޑު ތަޖުރިބާއެއް ނެތަސް، އެ މުބާރާތުގައި އޭނާ ވަނީ ރާއްޖެއާ ދެކޮޅަށް ނުކުތް ބޭރުގެ ކުޅުންތެރިޔަކު ވެސް ބަލިކޮށްފަ އެވެ.
ޗެސްގައި އިތުރަށް ކުރިއަށްދާން ހިތްވަރުދީ ކޯޗުކޮށްދީ މަގު ދައްކައި ދިނީ، މިދިޔަ އޯގަސްޓް މަހު ނިޔާވި ރާއްޖޭގެ ޗެސްގެ ލެޖެންޑް މަރްހޫމް އަހުމަދު ފުއާދު ތައުފީގު (ދޫނި) އެވެ.
"ފަރުވާ އަށް ރާއްޖޭން ބޭރަށް ދިއުމުގެ ކުރިން ވެސް ވަރަށް ހިތްވަރު ދިން. ރާއްޖޭން ބޭރަށް ދިޔަ ފަހުން ގައުމީ ޓީމަށް އެރީ. އިކާން މިހާރު ހުރި މަގާމަކީ ކުރިން ދޫނި އިން މަގާމު. ގުޅާފަ ބުނި ތި މަގާމަކީ ގައުމީ ޓީމުގައި ތިމަންނަ އެންމެ ފަހުން އިން މަގާމޭ. ވަރަށް ހިތްވަރު ދިން،" އިލްކެޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ދަރިކަލުންނާ ބެހޭގޮތުން ވަލީދު ބުންޏެވެ.
އިކާންގެ ފާހާގަ ކުރެވޭ ކާމިޔާބުތައް
• ގައުމީ ފިރިހެން ޓީމުން ފުރުސަތު ހޯދި އެންމެ ޒުވާން އެތުލީޓް - 2023
• ގައުމީ ޗެސް ޗެމްޕިއަންޝިޕް ހަތަރުވަނަ - 2023
• ގައުމީ ކްލަބް ޗެސް ޗެމްޕިއަންޝިޕް 2023 ޓީމް އިވެންޓް 3 ވަނަ (ކްލަބް ޗެސް މޭޓްސް)
• ސައުތު އޭޝިއަން އޮންލައިން ޗެސް ފެސްޓިވަލް 2020 - މުޅި މުބާރާތުގެ އޯޕަން ކެޓަގަރީ ދެވަނަ
• ސައުތު އޭޝިއަން އޮންލައިން ޗެސް ފެސްޓިވަލް 2020 - 12 އަހަރުން ދަށުގެ އޯޕަން ކެޓަގަރީން އެއްވަނަ
ކުރިމަގުގެ އުންމީދީ ކުޅުންތެރިޔެއް: ޝިޔާން
ސައުތު އޭޝިއަން އޮންލައިން ޗެސް ފެސްޓިވަލް 2020 ގައި 12 އަހަރުން ދަށުގެ އޯޕަން ކެޓަގަރީން އެއްވަނަ ހޯދި އިކާން ސިކުނޑި، ޗެސް އަށް އެންމެ ބޮޑަށް ހުޅުވުނީ މިދިޔަ އަހަރު އއ. އުކުޅަހުގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތުގަ އެވެ.
މި އަހަރު ގައުމީ މުބާރާތުގައި، އިކާން ހޯދި ބޮޑު ކުރިއެރުމުގެ ފަހަތުގައި ހުރީ ޗެސް އެސޯސިއޭޝަންގެ ރައީސް ހުސައިން ޝިޔާން އެވެ. ވަލީދު ބުނި ގޮތުގައި އެހާ ހަގު އުމުރުގައި އިކާން ގައުމީ ޓީމުން ޖާގަ ހޯދީ "ކުރިމަގަށް ވިސްނައިގެން" ޝިޔާން ތަނަވަސްކޮށްދިން ޓްރޭނިން ފުރުސަތުތަކުގެ ސަބަބުންނެވެ. ބޭރުގެ ޗެސް ގުރޭންޑު މާސްޓާއެއްގެ އެހީގައި ތިން މަހުގެ ޓްރޭނިން ޕްރޮގްރާމެއް އިކަން އަށް ތަނަވަސްކޮށް ދިނީ، ކުރިމަގު އޮތް ކުޅުންތެރިޔެއްގެ ގޮތުގައި ފެންނާތީ ކަމަށް ޝިޔާން ވިދާޅުވި އެވެ.
"އިކާންގެ އެ ޕޮޓެންޝިއަލް އަޅުގަނޑުމެންނަށް ފެނީ. ވަރަށް ސްކިލްފުލް ފިއުޗާ އޮތް ކުއްޖެގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނުނީ،" ޝިޔާން ވިދާޅުވި އެވެ.
ޖަމާލުއްދީން ސްކޫލްގެ ގްރޭޑް ނުވައެއްގައި މިހާރު ކިޔަވަމުން އަންނަ އިކާން ވަނީ ގައުމީ މުބާރާތުގައި ތަޖުރިބާކާރު ކުޅުންތެރިޔާ އަޙުމަދު ޢަޝްރަފު ބަލިކޮށްފަ އެވެ.
ވަލީދު ބުނީ، އިކާން ފަދަ ޒުވާން ކުޅުންތެރިންނަށް ޗެސްގައި އިތުރު ހަރުފަތްތަކަކަށް ދާން، ތަޖުރިބާކާރު ކުޅުންތެރިންނާ އެކު ގިނަ މެޗުތަކެއް ކުޅޭނެ ފުރުސަތު ލިބުން މުހިންމު ކަމަށެވެ. އަދި ބޭރުގެ ތަޖުރިބާކާރުންގެ ތަމްރީނު ފުރުސަތުތައް ވެސް ތަނަވަސްވުން މުހިންމު ކަމަށް އޭނާ ބުންޏެވެ. ރޭންކިން މުބާރާތުން ފާހަގަވީ ތަޖުރިބާކާރު ސީނިއާ ކުޅުންތެރިންނަށް ވެސް އިކާންއާ ދެކޮޅަށް މެޗު ކުޅެން އުނދަގޫވި ކަމެވެ. ބަލިކުރަން ފަސޭހަ ނުވާނެކަން އިކާން ސާބިތުކޮށް ދިނެވެ.
އިކާން މިހާރު ތައްޔާރުވަމުން އަންނަނީ، އަންނަ މަހު ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި ބާއްވާ އޭޝިއަން ޔޫތު ޗެސް ޗެމްޕިއަންޝިޕްގައި ވާދަ ކުރުމަށެވެ.