ލިޔެކިޔުންތައް އެންމެ ރަނގަޅަށް ބަލަހައްޓާފައިވާ މުއައްސަސާއެއްގެ ގޮތުގައި މިދިޔަ އަހަރު ފާހަގަކުރެވިފައި ވަނީ ފުލުހުން ގައުމީ އަރުޝީފުން މިއަދު ބުނެފި އެވެ.
ގައުމީ އަރުޝީފުގެ ފަސް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އިދާރާގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ޝާތިރު ވިދާޅުވީ މިިދިޔަ އަހަރު އެކި މުއައްސަސާތަކުގެ މެދުގައި ދިރާސާއެއް ހެދި ކަމަށާއި އެގޮތުން އެންމެ ރަނގަޅަށް ލިޔެކިޔުންތައް ރައްކާކޮށްފައިވަނީ ފުލުހުންގެ މުއައްސަސާކަން ފާހަގަކުރެވުނު ކަމަށެވެ. އެކަމުގެ އަގުވަޒަންކޮށް ފުލުހުންގެ މުއައްސަސާ އަށް އެވޯޑެއް ދޭނެ ކަމަށް ޝާތިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މައުލޫމާތުތައް، އަންނަން އޮތް ޖީލުތަކަށް ތަފުސީލުކޮށް އެނގިގެން ދާނީ ލިޔެކިޔުންތައް ރަނގަޅަށް ރައްކާތެރިކުރެވިގެން ކަމަށެވެ.
ޝާތިރު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅަށް މައުލޫމާތު ރައްކާކުރާ ތަނެއް ހޮވަނީ ކެޓަގަރީތަކަށް ބަހާލައިގެންނެވެ. އެއީ މުއައްސަސާތަކާއި މިނިސްޓްރީތަކާއި ކުންފުނިތަކާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތައް ވަކިންނެވެ. އަންނަ އަހަރުން ފެށިގެން އެ އިދާރާތައް ހޮވައި އެވޯޑު ދޭން ފަށާނެ ކަމަށް ގައުމީ އަރުޝީފުން ބުންޏެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވީ ރާއްޖޭގެ ލިޔެކިޔުންތައް ބެލެހެއްޓުން ހަރުދަނާކުރަން އެ އިދާރާއިން ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.
ގައުމީ އަރުޝީފަކީ، ރާއްޖޭގެ އިދާރާތަކުގެ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރިކޯޑުތަކާއި މައުލޫމާތު ބެލެހެއްޓުމަށް 2012 ވަނަ އަހަރު އުފެއްދި އިދާރާއެކެވެ. އެ އިދާރާ ހިންގަނީ ފިނޭންސް މިނިސްޓްރީގެ ދަށުންނެވެ.