ލިޔެކިޔުންތައް އާކައިވް ކުރުމުގައި ކާމިޔާބީތައް ހޯދާފައިވާ ކަމަށް ގައުމީ އަރުޝީފުން މިއަދު ބުނެފި އެވެ.

އެ އިދާރާގެ ފަސް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ތަން ހިންގުމުގައި އިސްކޮށް އުޅުއްވާ، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވީ ގައުމީ އަރުޝީފުގެ ރަސްމީ އޮފީހެއް ހަަމަޖެހި މަސައްކަތްތައް ކުރަމުން އަންނަތާ މިހާރު ދެ އަހަރު ވެފައިވާއިރު، ވަރަށް ކާމިޔާބު އަދި ގިނަ މަަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ.

"ފުރިހަމަ އޮފީހެއް ހަމަޖެހި މަސައްކަތްތައް ކުރަމުން އަންނަތާ މިވީ ދެ އަހަރު. މި ކުރު މުއްދަތުގެ ތެރޭގައި މި ވަނީ އާކައިވްސްގެ ޒަރިއްޔާއިން ބަލައިފިއްޔާ ބޮޑެތި ކުރިއެރުންތަކެއް، ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި،" ގައުމީ އަރުޝީފުގެ އިދާރީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޝްމަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމީ އަަރުޝީފް ވުޖޫދަށް އައުމާއެކު، އާކައިވް ކުރަން ހުރީ ކިހާ ލިޔެކިއުމެއްތޯ ބަލަން ދިރާސާއެއް ކުރި އެވެ. އަދި އެ އިދާރާ އުފެއްދިއިރު، ދައުލަތުގެ މުއައްސަސާތަކުގެ މުހިއްމު ލިޔެކިޔުންތައް އާކައިވް ކުރެވޭނެ ނިޒާމެއް ދައުލަތުގައި ނެތުމުން، އެ މައުލޫމާތުތައް ހޯދުމަށް ދަތިތަކާ ކުރިމަތިވި ކަމަށް ވެސް އަޝްމަލީ ވިދާޅުވި އެވެ.

"ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން އަމިއްލަ އަށް އެ މީހުންގެ ލިޔެކިޔުންތައް ސްކޭންކޮށް އާކައިވް ކޮށްގެން ގެންގުޅޭ ޑޮކިއުމަންޓްސް ހުރީ. އެހެންވެ ދައުލަތުން މައުލޫމާތެއް ހޯދަން ބޭނުން ނަމަވެސް އެ މައުލޫމަތެއް ހޯދަން ވަނީ ދަތިވެފައި. ކިޔަވާ ދަރިވަރުންގެ ރިސާޗުތަކަށް ބޭނުންވާ މައުލޫމާތުތަކެއް ވެސް ހޯދުމުގައި ދަތިތަކެއް ދިމާވޭ،" އަޝްމަލީ ވިދާޅުވި އެވެ.

ސަރުކާރުގެ ލިޔެކިޔުންތަކާއި ރިކޯޑުތައް އިލެކްޓްރޯނިކް ނިޒާމަކުން ބެލެހެއްޓުމަށް މިލިއަނައަކަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ރޮބޮޓިކް ބުކް ސްކޭނަރެއް ގެންނަން ސަރުކާރުން ވަނީ މިދިޔަ އަހަރު ސްރީ ލަންކާ ކުންފުންޏަކަށް ހަވާލުކޮށްފަ އެވެ.

އަޝްމަލީ ވިދާޅުވި ގޮތުގައި އެ ސްކޭނަރު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. ލިޔެކިޔުންތައް ރައްކާކޮށްފައި ހުންނަނީ ބޮޑެތި ގުދަންތަކުގައި ކަމަށާއި އެ އެއްޗެހިތައް ބަލައި ނައްތައިލުމުގެ ބާރު ވެސް ގާނޫނުން ލިބިދީފައިވަނީ ގައުމީ އަރުޝީފަށް ކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އާކައިވް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަނީ މަދު ބަޔަކަށް ވިޔަސް އެކަންތައްތައް ކުރާނެ ކަމަށް އަޝްމަލީ ވިދާޅުވި އެވެ.

ސަރުކާރުގެ އިދާރާތަކުން ލިޔެކިޔުންތައް އާކައިވްކުރަން ވަނީ އުސޫލެއް ވެސް ހަދައިފަ އެވެ. އެ އުސޫލަށް ހޭލުންތެރިކުރުވަން މިއަހަރުގެ ތެރޭގައި ޕްރޮގްރާމްތައް ހިންގާނެ ކަމަށް އަޝްމަލީ ވިދާޅުވި އެވެ.

ލިޔެކިޔުންތަކާއި ފޮޓޯ ފަދަ އެއްޗެހި އާކައިވް ކުރުމުގެ މުހިންމުކަން އަންގައިދިނުމަށް ގައުމީ އަރުޝީފުން ވަނީ މިދިޔަ އަހަރު ވެސް ރަށްރަށަށް ޒިޔާރަތްކޮށްފަ އެވެ.