ތަރައްގީގެ ގޮތުން މެދުއިރުމަތީގެ އެންމެ ފާހަގަކޮށްލެވޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދުނިޔޭގެ އެންމެ ތަފާތު މިއުޒިއަމް ހުޅުވުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

"މިއުޒިއަމް އޮފް ދަ ފިއުޗާ" ގެ ނަން ދިފައިވާ މި ބިނާ ތަރައްގީކޮށްފައި ވަނީ ދުބާއީގަ އެވެ. ދުރުން ބަލައިލާ އިރު އަނގޮޓިއެއްގެ ބައްޓަން ސިފަކޮށްދޭ ގޮތަށް އަދި އިމާރާތުގެ ބޭރުގައި އަރަބި ކެލިގްރަފީ ވެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މިއުޒިއަމްގެ މަސައްކަތް އެއްކޮށްހެން ނިމި ބާކީ ހުރި ކުދިކުދި މަސައްކަތްތައް މި ވަގުތު ކުރަމުން އަންނަ އިރު ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވަނީ މިއުޒިކްގެ ފަހުގެ މަސައްކަތްތައް ހޮނިހިރު ދުވަހު ބައްލަވާލައްވައި އެ ތަނުގެ ވީޑިއޯއެއް ވެސް ޓްވިޓާގައި ހިއްސާކުރައްވައިފަ އެވެ.

އިމާރާތްކުރުމުގެ ދާއިރާ އަށް ބޮޑު ތަފާތެއް ގެނުވައިދޭނެ އަދި ޔޫއޭއީން އަރަބިންގެ އިމާރާތްކުރުމާއި ފަރުމާކުރުމުގެ ފާޑުވެރިކަމުގެ "މުއުޖިޒާތެއް" ގެ ގޮތުގައި ސިފަކުރާ "މިއުޒިއަމް އޮފް ދަ ފިއުޗާ" އަކީ 30،000 އަކަފޫޓްގެ ބިމެއްގައި 78 މީޓަރު އުސްކޮށް ހަދާފައިވާ ހަތް ބުރީގެ ތަނެކެވެ.

މި މިއުޒިއަމް ތަރައްގީކޮށްފައި ވަނީ އެތަން ބޭނުން ކުރުމުގައި ފަސޭހަކުރުމުގެ ގޮތުން ވަސީލަތްތަކުގެ ގޮތުން އެތައް ތަނަކާ ގުޅިފައި ހުންނާނެ ގޮތަށެވެ. އެގޮތުން މެޓްރޯ ސްޓޭޝަނާއި އެމިރޭޓްސް ޓަވަރު ފަދަ ތަންތަނާ މިއުޒިއަމް ހުންނާނީ ގުޅާލެވިފަ އެވެ. އަދި އެތަން ފަރުމާކޮށްފައި ވަނީ ޖާގަ ވަރަށް ތަނަވަސްކޮށް ޕާކްކުރޭވޭނެ އިންތިޒާމުތައް ވެސް ހުންނަ ގޮތަށެވެ.

މިއުޒިއަމާ ބެހޭ ގޮތުން މުހައްމަދު ވިދާޅުވީ އެތަން ވެގެން ދާނީ މުޅި ދުނިޔެ އަށް ނަމޫނާ ތަނަކަށް ކަމަށެވެ. ހާއްސަކޮށް އެތަން ފަރުމާކޮށްފައިވާ ބައްޓަމާއި އެކަމަށް ބޭނުންކުރި އިންޖިނިއަރިން އުކުޅުތަކަކީ އިމާރާތް ކުރުމުގެ ފަންނުގައި އަރަބިންގެ ކުޅަދާނަކަމާއި ފާޑުވެރިކަން ދައްކުވައި ދޭނެ ތަނެއް ކަމަށް ވިދާޅުވި އެވެ.

"މި މިއުޒިމް އިމާރާތްކުރުމުގައި އަހަރެމެން ބެލީ ހަމައެކަނި އިންޖިނިއަރިން ރޮނގުން އާދަޔާހިލާފު ކަމެއް ކުރާކަށެއް ނޫން. އެކަމަކު އެންމެ ބޮޑު މަގުސަދަކަށްވީ އިންސާނުންގެ ފޯރުންތެރިކަމާއި ކުޅަދާނަކަން ދައްކުވައި ދިނުން. އެކަން ހާސިލުވާނެ މިއުޒިއަމް އޮފް ފިއުޗާ އިން،" މުހައްމަދު ވިދާޅުވި އެވެ. "މިއީ ކުރިއަށް އޮތް ތަނުގައި ދުބާއީގެ އައިކޮނިކް ލޭންޑްމާކަކަށްވެގެން ދާނެ."

މުހައްމަދު ވިދާޅުވި ގޮތުގައި މިއުޒިއަމް ވެގެންދާނީ ކުރިއަށް އޮތް ތަނުގައި ސައިންސާއި ޓެކްނޮލޮޖި އާއި އުފެއްދުންތެރިކަމުގެ ދާއިރާ އިން ގިނަ ފުރުސަތުތަކެއް ފަހިވެގެން ދާނެ ތަނަކަށެވެ. އަދި މީގެ ބޭނުމަކީ ވެސް އިލްމީ ކަންކަމަށް ދޮރުތައް ހުޅުވަން ކަމަށް ވިދާޅުވި އެވެ.

ދުބާއީ ފިއުޗާ ފައުންޑޭޝަންގެ ދަށުން މިއުޒިއަމް ބިނާކުރަން ނިންމައި އެކަން ޔޫއޭއީގެ ސަރުކާރުން އިއުލާންކުރީ މާޗް 4، 2015 ގަ އެވެ. މި އަހަރުގެ ތެރޭގައި "ފިއުޗާ އޮފް ދަ މިއުޒިއަމް" ހުޅުވަން ހަމަޖެހިފައި އޮތް ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.