ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ދިރިއުޅުއްވާ މުލިއާގޭ ކައިރިއަށް ދިޔަ ދެ މީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.
ފުލުހުން ބުނީ މުލީއާގެ ކައިރިއަށް ދެ މީހަކު ގޮސް، އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބޮމެއް އޮތް ކަމަށް ބުނި ދެ މީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މުލިއާގޭ ސަލާމަތީ ކަންކަން ބަލަހައްޓާ އެމްއެންޑީއެފްގެ ބަހެއް މިކަމާ ގުޅޭ ގޮތުން އަދި ނުލިބެ އެވެ.
މޭ ހަ ވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއެއް ދިން ފަހުން، މަޖިލިސް އިދާރާ ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮމެންޓްކުރި މީހަކު ވެސް ހައްޔަރުކޮށްފައި ވާއިރު ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތައް ވެސް ވަނީ އަޅައިފަ އެވެ. ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓާ ބައެއް ތަންތަނުގައި ސިފައިން އިތުރުކޮށް އަދި ހަތިޔާރާ އެކު ވެސް ހަރަކާތްތެރިވެ އެވެ.
ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުންދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ފުލުހުން ބުނެފައިވެ އެވެ.