ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިން ދަމުން، ބޮމެއް އޮތް ކަމަށް ބުނުމުން މިއަދު ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިިފި އެވެ.

މި ދެ މީހުން ހައްޔަރުކުރީ އެ މީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމުންނެވެ. އެ ދެ މީހުން ހައްޔަރުކޮށް އެ ސަރަހައްދަށް އިތުރު ސިފައިންނާއި ފުލުހުން ގޮސް ފިޔަވަޅުތައް ވަރުގަދަ ވެސް ކުރި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ބޮމެއް އޮތް ކަމަށް ބުނި މީހާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު ދެން ހުރި މީހާ ދޫކޮށްލާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، މި ދެ މީހުން ތެރެއިން އެކަކު، ބޮމެއް އޮތް ކަމަށް ބުނީ ސެކިއުރިޓީއަށް ހުރި ސިފައިންގެ މީހަކު ބަލަން ފެށުމުން އެ މީހާއާ ދިމާލަށެވެ. އަދި އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް އެނގިފައިވެ އެވެ.

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި 6 ވަނަ ދުވަހު ދިން ހަމަލާއަށް ފަހު މަޖިލިސް އިދާރާ ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮމެންޓްކުރި މީހަކާއި އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓުކުރި މީހަކު ވެސް ހައްޔަރުކޮށްފައި ވެ އެވެ.

ފުލުހުން ވަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުންދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް، އަމިއްލަ އަށް ހަދާފައިވާ އައިއީޑީއެއް މުލީއާގެ ކައިރީގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި ބޭއްވި މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ހަތަރު މީހަކު ޖަލަށް ލާން ހުކުމްކުރި އެވެ.