ނަސްރުގެ ދުވަސް ފާހަގަކުރަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިދިކޮޅު ކޯލިޝަނުން "ބަޑި ބުރާސްފަތި" ނަމުގައި ޕީޕީއެމްގެ މައި އޮފީސް ކުރިމަތީގައި މިރޭ ޖަލްސާ ބޭއްވީ، ކޮވިޑް-19ގެ ހާލަތާ ގުޅިގެން، ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް ހުއްދަ ނުލިބުމުންނެވެ. ގިނަ ބަޔަކު ބައިވެރިވި އެ ޖަލްސާގައި ގައިދުރުކަމެއް ނެތެވެ. އެހެންވެ، ފުލުހުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރުމަށް ތަކުރާރުކޮށް އަންގައިފަ އެވެ.

ޖަލްސާ ކުރިއަށް ދަނިކޮށް ފުލުހުން ވަނީ ސުޖާއު ކައިރިއަށް ގޮސް، މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރުމަށް ތަކުރާރުކޮށް އަންގައިފަ އެވެ. ފުލުހުންގެ އެ އެންގުމާ އެއްގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ދެ ފަހަރަކަށް ދިނެވެ. އެކަމަކު، އެހާ ގިނަ އަދަދެއްގެ ބަޔަކު އެއްތަނެއްގައި ތިބުމުން ގައިދުރު ކަމެއް ނުބެހެއްޓި ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއީ ގަސްތުގައި ކުރާ ކަމެއް ނޫން ކަމަށް ވެސް އިދިކޮޅުން އެއްފަހަރަކު ފުލުުހުންނަށް ޖަވާބު ދިނެވެ.

ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބެއް އަދި ނުބުނެ އެވެ. އެކަމަކު އެ ޖަލްސާއާ ގުޅިގެން ފުލުހުން މިރޭ މުއާމަލާތު ކުރަމުން ދިޔައީ އޭނާއާ އެވެ.

ކޮވިޑުގެ ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ ރަނގަޅު ކަމަކަށް ނުވާތީ، މި ޖަލްސާ ބާއްވަން ފުރަތަމަ އެޗްޕީއޭ އިން ހުއްދަދިނީ ވެސް ވާޗުއަލްކޮށެވެ. ކޮވިޑް-19 މާލެ ތެރޭގައި ފެތުރިފައިވާތީ މި ދުވަސްވަރު 30 މީހުންނަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއްވުމަކީ މަނާކަމެކެވެ.

ބަލިމަޑުކަމުގެ މި ދުވަސްވަރު މުޒާހަރަކޮށްގެން މީގެ ކުރިން ވެސް ސުޖާއުއަށް ފުލުހުން ވަނީ ފިޔަވަޅު އަޅަފަ އެވެ. އެގޮތުން މާސްކް ނާޅައި، އެއްވެސް ގައިދުރުކަމެއް ނެތި މުޒާހަރާ ކުރުމުން އޭނާ ޖޫރިމަނާކުރި އެވެ.