މީގެ 32 އަހަރު ކުރިން، ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތެއް މާލެ އަރައި ދިން އުދުވާނީ ހަމަލައަށް ވުރެ، މިހާރު މިގައުމު އޮތް ހާލަތު މާ ނުރައްކާތެރިވެފައި ބިރުވެރިކަމަށް، އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ބުނެފި އެވެ.
ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ނޮވެމްބަރު، 3، 1988، ގައި ދިން އުދުވާނީ ހަމަލައިން ލިބުނު ނަސްރު ފާހަގަ ކުރުމަށް މިރޭ ޕީއެންސީ އޮފީހުގެ ދޮރުމަތީގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ތަމަޅަ ހަނގުރާމަވެރިން ރާއްޖެ އެރީ ނޭނގި ތިއްބާ ކަމަށާއި އެކަމަކު މިހާރު މިނިވަންކަމަށް ބުރޫއަރުވަނީ ކުރިއާލައި ރާވައިގެން ގިނަ ބައެއްގެ ބައިވެރިވުމާ އެކުގައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުގެ އިގްތިސޯދީ ސަރަހައްދު ވިއްކާލުމަށް އެއްބަސްވުންތައް ހަދައި، ބޭރުގެ ސިފައިން ރާއްޖެ އައިސް ދިވެހި އަސްކަރިއްޔާގެ ބާރުކަނޑުވާލުމަކީ، އެ ރޭވުންތަކުގެ ތެރެއިން ކުރަމުންދާ ކަންކަމެވެ.
"މިއީ ގައުމެއްގެ ތާރީހުގައި އަންނާނެ އެންމެ ހިތްދަތި ދުވަސް. ރާއްޖޭގެ ދީނާއި މިނިވަންކަން އެހެން ބައެއްގެ އަތްމައްޗަށް ދާތަން މި ފެންނަނީ،" ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ގައުމުގެ މިނިވަންކަމަށް ބުރޫއަރާ މި ރޭވުންތަކުގެ ފަހަތުގައި ސަރުކާރުގެ އިސްވެރިންނާއި މަޖިލީހުގެ މެމްބަރުން އެބަތިއްބެވި އެވެ. އަދި އުދުވާނީ ހަމަލާގައި ބައެއް ސިފައިން ޝަހީދުވީ ހަމަލައަށް ފިލަން ދުވަނިކޮށް ކަމަށް އެ މެމްބަރުން ވިދާޅުވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ދިވެހިންނަށް ލިބިފައި މިވަނީ ސަރުކާރު ޓެސްޓު ކުރުމަށް ފުރުސަތެކެވެ. އަދި އަންނަ މާޗު މަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާއިރު، "ނިކަން ރަނގަޅަށް ސަރުކާރަށް ނޫނެކޭ ބުނަން ވާނެ" ކަމަށް އަދުރޭ ވިދާޅުވި އެވެ.
"މިއީ ދިވެހިންނަށް ލިބޭނެ ހަމައެކަނި ފުރުސަތު. އެހެންވެ އޭގެ ބޭނުން ހިފައި، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އަދުުރޭ ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު "މި ހާލުގައި ޖެހޭކަން" ދިވެހިންނަށް މިހާރު އެނގޭ ކަމަށާއި 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ލިބުމުން ވެސް ގައުމުގެ އިގްތިސޯދު ފުނޑާލައި، މިނިވަންކަން ނަގާލި ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނަވާތާ މި މަހު އެއް އަހަރު ފުރޭކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ ޔާމީނަށް ދިނީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ވެރިއަކަށް ދީފައި ނުވާވަރުގެ ބޮޑު އަދަބެއް ކަމަށެވެ. އަދި އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޝަރުއީ ދާއިރާއަށް ނުުފޫޒު ފޯރުއްވައިގެން ދެއްވި އަދަބެއް ކަމަށާއި އޭގެ ޒިންމާ ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އެއީ ދިވެހިން އެންމެ ލޯބިވި ރައީސް. ދިވެހިން ދެކެ ލޯބިވެ ވަޑައިގެން، އިގްތިސޯދީ އެތައް ގުނައަކަށް މަތިކުރެއްވި ރައީސް. ރާއްޖޭގެ ރަށްތައް ފެންމަތީގައި އޮތްހާ ހިނދަކު އެ މަނިކުފާނުގެ ތަރައްގީ އެ ރަށްތަކުން ފެންނާނެ،" އަދުރޭ ވިދާޅުވި އެވެ.