ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ރިޔާސަތާ ހަވާލުވާ މެންބަރުންގެ ލިސްޓަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ޝަރުތު ހަމައެއް ނުވި އެވެ.
ނަވާރަ ވަނަ މަޖިލީހުގެ ހަތަރު އަހަރު ގުނަމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި ނީންނަވާ ވަގުތުތަކުގައި ރިޔާސަތު ބެލެހެއްޓެވީ އަފީފެވެ.
އާންމުކޮށް ކޮންމެ ދުވަހަކު ވެސް ޖަލްސާގެ މެންދުރު ދަންފަޅީގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ އަފީފެވެ. އަދި މަޖިލީހުގެ ވެބްސައިޓުގައި މީގެ ކުރިން އާންމުކޮށްފައިވާ ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންގެ އެންމެ ކުރީގައި އިންނެވީ އޭނާގެ ނަމެވެ.
އެހެން ނަމަވެސް އެ ލިސްޓު މިއަދު އަލުން ތަރުތީބު ކުރި އިރު އަފީފްގެ ނަމެއް ނުހިމެނެ އެވެ.
މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެމްބަރުންނެވެ.
އެ މާއްދާގެ (ނ) ގައި ބުނާ ގޮތުން އެ ފަސް މެމްބަރުންގެ ތަރުތީބު ކަނޑައެޅުމުގައި އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަންދޭންޖެހޭނެ އެވެ.
އަފީފް އަކީ 1990 ވަނަ އަހަރުން މަޖިލީހަށް ހިދުމަތް ކުރެއްވި މެންބަރެކެވެ. ނަމަވެސް 2009 ގެ 17 ވަނަ ރައްޔިތުންގެ މަޖިލީހާއި 2014 ގެ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިހާބެއް ނުވެ އެވެ. އެހެންވެ އޭނާގެ ދައުރު މެދު ކެނޑިފައިވާތީ އޭނާ އަކީ އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރު ގޮތުގައި ނުބެލެވޭނެ އެވެ.
ނަމަވެސް މީގެ ހަތަރު އަހަރު ކުރިން މެއި 28، 2019 ގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރުންގެ ނަންތައް ތަރުތީބު ކުރި އިރު އެ މައްސަލައެއް ފާހަގައެއް ނުކުރެ އެވެ. ނަޝީދު އެގޮތަށ އިއުލާން ކުރެއްވުމުން އެމްޑީޕީގެ މެންބަރުން ވެސް އެ ގޮތް ބަލައިގަތެވެ.
އަފީފް ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމުން އޭނާ ޖަލްސާތައް ބޭއްވުމަށް ހުރަސް އަޅަނީ ކަމަށް ބުނެ އެމްޑީޕީ މެންބަރުން ވަނީ އޭނާ މަޖިލީހުގެ ރިޔާސަތުގައި އިންނަވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެފަ އެވެ.
ރިޔާސަތު ބަލަހައްޓަވާނެ އާ މެމްބަރުން
1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު - މެދުނުކެނޑި 18 އަހަރާއި 8 މަސް ދުވަސް.
2. މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް - މެދުނުކެނޑި 14 އަހަރާއި ފަސް މަސް ދުވަސް.
3. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް - މެދުނުކެނޑި 14 އަހަރާއި ފަސް މަސް ދުވަސް.
4. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ - މެދުނުކެނޑި 14 އަހަރާއި ފަސް މަސް ދުވަސް.
5. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު - މެދުނުކެނޑި 14 އަހަރާއި ފަސް މަސް ދުވަސް.