ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފު ކަމަށް ކަނޑައަޅައި އެ މައްސަލަ ބޭރު ކޮށްލަން މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ނިންމެވުމަކީ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމުގެ ތުހުމަތާ އެކު މައްސަލަ ބަލަން އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ރިޔާސަތުގައި އިންނެވި އަފީފް، މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ގަބޫލުކުރެވޭ މައްސަލައެއް ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ މެދު މަޝްވަރާކޮށް ގޮތެއް ނިންމަން މިއަދު މެންދުރު އެކެއް ޖަހާއިރަށް ކޮމިޓީގެ ޖަލްސާއެއް ވަނީ ތާވަލްކޮށްފަ އެވެ.

އިތުބާރު ނެތް މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވިތާ ދެ ހަފުތާ ފަހުން މިއަދު ވަނީ އެ ޖަލްސާ ކުރިޔަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް ޑިމޮކްރެޓްސް އިން ބުނެފައި ވަނީ އެ ގަރާރުގައި ދީބާޖާ ހިމަނާފައި ނުވާ ކަމަށާއި އެއީ ގަވައިދާ ހިލާފަށް އެމްޑީޕީން ހަދާފައިވާ ގަރާރެއް ކަމަށެވެ.

ޖަލްސާގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ޖަލްސާ ނިންމަވާލެއްވީ ގަރާރު ގޯސްކަމަށް ކަނޑައަޅުއްވަ އެވެ.

އަފީފް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ މަޖިލީހުގެ އަމީންއާންމުގެ ލަފަޔާ ހިލާފަށް ކަމަށް ބައެއް މެންބަރުން ވިދާޅުވެ އެވެ.

އެ ޖަލްސާ ނިންމާލި ފަހުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި އިންނަވައިގެން އިތުރު ޖަލްސާއެއް މިއަދު ވަނީ ބާއްވައިފަ އެވެ. އެކަމަކު، ރިޔާސަތުން އެ ގަރާރާ މެދު ގޮތެއް ނިންމާފައިވާތީ އިތުރަށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އީވާ ވެސް ވަނީ ޖަލްސާ ނިންމަވާލައްވައިފަ އެވެ.