ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ޔޫތު އެންޓަޕްރިނާސް ފޯރަމް ބާއްވައިފި އެވެ.
އެމްއެމްއޭއިން އިސްނަގައިގެން ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި މި ފޯރަމްގައި 50 މީހުން ވަނީ ބައިވެރިވެފަ އެވެ.
މި ފޯރަމްގައި ވަނީ އަމިއްލަ ވިޔަފާރިއެއް ފަށައިގެން މަސައްކަތްކުރާ ފަރާތްތަކުން އެ ވިޔަފާރިއެއް ފެށުމަށް ކުރި މަސައްކަތާއި ކާމިޔާބު ވިޔާފާރިއެއް ކުރުމަށް ކުރި ދަތުރުގައި ދިމާވި ގޮންޖެހުންތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
މި ފޯރަމްގައި ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ އިޖާދީ އަދި އުފެންދުންތެރި ވިސްނުންތަކުގެ ތެރެއިން އަމިއްލަ ވިޔަފާރިތައް ފެށުމަށް ޒުވާނުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ކަމަށެވެ.
ޓެކްނޮލަޖީގެ ދާއިރާ އިން ފާހަގަކުރެވޭ ބޮޑެތި ކުންފުނިތަކުން ކާމިޔާބީ އާއި ހިސާބަށް އައީ ތަފާތު ވިސްނުންތަކުގެތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި މި ފޯރަމް ބޭއްވި އިރު ހދ. ކުޅުދުއްފުއްޓާއި ލ. ފޮނަދޫ އާއި ގދ. ގައްދޫގައި އަންނަ ހޮނިހިރު ދުވަހު ޔޫތް ފޯރަމްތައް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ބޮޑު ކެމްޕޭނެކެވެ.
މި އަހަރު ރާއްޖޭގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ބާއްވާނީ އެމްއެމްއޭގެ އިސްނެގުމާ އެކު އެޑިއުކޭޝަން މިނިސްޓްރީ އާއި މާލީ ދާއިރާތަކުގެ އެކި ފަރާތްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު އެވެ. އެގޮތުން ސްކޫލްތަކާ ގުޅިގެން ހިންގާ ހަރަކާތްތަކާއި ކުރެހުމުގެ މުބާރާތަކާއި ވީޑިއޯ ހެދުން އަދި ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ވިޔަފާރީގެ ފޯރަމެއް ބޭއްވުން ވަނީ ހަމަޖެހިފަ އެވެ.