ގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް އެމްއެމްއޭ އިން އިތުރު ހަތަރު ކުންފުންޏަކަށް މިއަދު ދީފި އެވެ.
އެ ލައިސަންސް އެމްއެމްއޭއިން ދިނީ ވީޓީޓީ ފައިނޭންސް އާއި ގްލޯބަލް ޕޭމަންޓްސް އޭޝިއާ ޕެސިފިކް މޯލްޑިވްސް އާއި ޕޭޔާ ޕްރައިވެޓް ލިމިޓެޑް އަދި ފަހި ޕޭ އަށެވެ. މި ހަތަރު ކުންފުނިން ވެސް ދޭނީ ތަފާތު ހިދުމަތެވެ.
ކުންފުނިތަކަށް ދެވޭނެ ޕޭމަންޓް ހިދުމަތްތައް:
● ވީޓީޓީ ފައިނޭންސް : ޕޭމަންޓް މުއާމަލާތައް އެކުއަޔާ ކުރުމުގެ ހިދުމަތް.
● ގްލޯބަލް ޕޭމަންޓްސް އޭޝިއާ ޕެސިފިކް މޯލްޑިވްސް: ޕޭމަންޓް މުއާމަލާތައް އެކުއަޔާ ކުރުމުގެ ހިދުމަތް.
● ޕޭޔާ ޕްރައިވެޓް ލިމިޓެޑް: އިލެކްޓްރޯނިކް ފައިސާ ދޫ ކުރުމުގެ ހިދުމަތް.
● ފަހި ޕޭ: އިލެކްޓްރޯނިކް ފައިސާ ދޫ ކުރުމުގެ ހިދުމަތް.
ވީޓީޓީ ފައިނޭންސް އާއި ގްލޯބަލް ޕޭމަންޓް އޭޝިއާ ޕެސިފިކް މޯލްޑިވްސްއަށް ދީފައިވާ ލައިސަންސުގެ ދަށުން ދޭ ހިދުމަތަކީ މީގެ ކުރިންވެސް އެމްއެމްއޭއިން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން އެ ދެ ކުންފުނިން ދެމުން އަންނަ ހިދުމަތެކެވެ.
ޕޭޔާ ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އަލީ ހާރިސް "މިހާރު" އަށް ވިދާޅުވީ ނޭޝަނަލް ޕޭމަންޓް ސިސްޓަމްގެ ތެރެއިން ކުދި ކުންފުނިތަކަށް ލައިސަންސް ދިނުމަކީ ފައިނޭންސް ދާއިރާއިން އާ ޕްރޮޑަކްޓްތަައް ތައާރަފު ކުރުމަށް ހުޅުވާލެވުނު ފުރުސަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންގެ ހައްގުތައް ރައްކާތެރިވެ، ކަސްޓަމަރުންގެ އިތުބާރުވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއެމްއޭގެ މިސްރާބު ހުރީ ވަރަށް ރަނގަޅު ދިމާލަކަށް. ކުދި ކުންފުނިތަކަށް ލައިސަންސް ދޫކުރުމުން ހެލްތީ ކޮމްޕެޓިޝަނެއް ބިލްޑް އެ ކުރެވެނީ. އޭގެ ސަބަބުން އިތުރު އިނޮވޭޓިވް ޕްރޕޑަކްޓުތައް އަންނާނެ،" ހާރިސް ވިދާޅުވި އެވެ.
ގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން މިހާތަނަށް އެމްއެމްއޭއިން ވަނީ ހަ ކުންފުންޏަކަށް ޕޭމަންޓް ހިދުމަތް ދޭން ލައިސަންސް ދޫކޮށްފަ އެވެ. މީގެ ކުރިން އެ އިދާރާއިން ލައިސަންސް ދިނީ އުރީދު އާއި ދިރާގަށެވެ.
މި ގާނޫނުގެ ދަށުން ދިރާގަށް ދިނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތަށް ބޭނުންވާ ލައިސަންސެވެ. އުރީދޫއަށް ދިނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތާއި ރެމިޓަންސް ހިދުމަތް ދޭން ބޭނުންވާ ލައިސަންސެވެ.