ޑީއާރުޕީގެ ލީޑަރު އަދި ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޝީދު (ކާނަލް) އަށް ހަމަލާދީ މިއަދު ޒަހަމްކޮށްލައިފި އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އޭނާ އަށް ހަމަލަދިނީ ޒިޔާރަތްދޮށުގެ ކައިރިން ރައްޓެއްސަކާއެކު ހިންގަވާފައި ވަޑައިގަންނަވަނިކޮށް، ކެފޭއެއްގައި ތިބި ބަޔަކު ކަމަށެވެ. ކެފޭގައި ތިބި ބަޔަކު، ނުކުމެ ފުޅި އާއި ތަށިތައް އުކައި އޭނާ އަށް ހަމަލާދިން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ގައިގައި ގޮނޑިއަކުން ޖަހައި، ކުޅު ވެސް ޖަހައި ހެދި. ކަކޫ ކުޑަކޮށް ހުރީ ދުޅަވެފައި. އަދި އަޅުގަނޑު މަރާލާނެ ކަމުގެ އިންޒާރު ވެސް އެމީހުން ވަނީ ދީފައި،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އޭނާ އަށް ލިބުނު ޒަހަމްތަކަށް މިހާރު ވަނީ ފަރުވާ ހޯއްދަވައިފަ އެވެ. އެކަމަކު، ހަމަލާ ދިން މީހުން ކުރީ ފިނޑި އަމަލެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
"މިފަދަ ކަމެއް ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް މިކަންކަން ބަލަން އެބަޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ މަލްޓި ޕާޓީ ސިސްޓަމެއް ރާޢްޖޭގައި އޮންނައިރު، ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގުފަހިވެފައި އޮންނަން ޖެހޭ ކަމަށެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުގައި އެފަދަ މާހައުލެއް އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.