ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްްޓް އަލީ ހާޝިމް (ސްމިތު) ފުލުހުންގެ ބަންދުން ދޫކޮށްލުމުގެ ކަންކަން ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ސްމިތު ހައްޔަރުކުރުމަށް ފަހު، ފުލުހުން އެދިގެން އޭނާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ދިން ނަމަވެސް ޖެހިގެން އައި ދުވަހު ވަނީ ދޫކޮށްލައިފަ އެވެ. ސްމިތު މިނިވަން ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެކި ފެންވަރުގެ އެހެނިހެން އިސް ބޭފުޅުންގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އެކްޓިވިސްޓުން ވެސް ދިޔައީ ގޮވައިލަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް މި ސަރުކާރުގެ އިސް ވެރިން ކުރިން ވިދާޅުވަމުން ގެންދެވި އިރު، ސްމިތު ދޫކުރަން ކުރި ފިއްތުންތަކާ އެކު އާންމުންގެ ފާޑުކިޔުން ވެސް ވަނީ އާ ސަރުކާރަށް އަމާޒުވެފަ އެވެ.

ޓީވީއެމުން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހޯމް މިނިސްޓަރު ވިދާޅުވީ "އެކަން ހިނގައިދިޔަ ގޮތް އެއީ އެންމެ ރަނގަޅު ނޫން ގޮތް ކަމަށް އަޅުގަނޑަށް ބުނެވިދާނެ،" ކަމަށެވެ.

ސްމިތު ދޫކޮށްލުމުން އެކަން ހިނގި ގޮތް ބެއްލެވި ކަމަށާއި އޭނާ ދޫކޮށްލީ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ދައުވާކުރަން ތައްޔާރުވުމަށް ފަހު ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އެހެން ނަމަވެސް އޭގެ ތެރޭގައި އަދި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރިކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަން،" އިމްރާން ވިދާޅުވި އެވެ.

އެކަމަކު އޭގެ ތަފްސީލެއް އިމްރާން ނުދެއްވަ އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ކަމެއް ގޯސްކޮށް ކުރެވިއްޖެ ނަމަ އެކަމުން ފިލާވަޅު ލިބިގަނެ އެކަން ރަނގަޅު ކުރައްވަން މަސައްކަތް ކުރައްވާނެ އެވެ.