ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ތިންވަނަ ބެޗުގެ ބައިވެރިން ތަމްރީންތަކަށް މިއަދު ފުރައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ނޭޝަނަލް ސާވިސް ޕްރޮގްރާމް އަމާޒު ކޮށްފައި ވަނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
ސޯޝަލް މީޑިއާގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަ ނަފްސަށް އިތުބާރުކުރާ އަދި އަގީދާ ވަރުގަދަ، ޒިންމާދާރު ބަޔަކު ބިނާކުރަން ސަރުކާރުން ފަށާފައިވާ ވަތަނީ ހިދުމަތުގެ ތިންވަނަ ބުރު ފުރިހަމަކުރި ޒުވާނުންގެ ތެރެއިން، ފަންނީ ތަމްރީނުގައި ބައިވެރިވާން ކުރިމަތިލީ 84 ކުދިން ކަމަށެވެ.
ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވާ ކަމަށާއި އެއީ 64 ފިރިހެން ކުދިންނާއި އަދި 20 އަންހެން ކުދިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނޭޝަނަލް ސާވިސް އަށް މީހުން ތަމްރީނުކުރާ ވާހަކަ ރައީސް މުއިއްޒު އިއުލާން ކުރެއްވީ 2024 ވަނަ އަހަރުގެ ނަސްރުގެ ދުވަހުގެ ޖަލްސާގަ އެވެ.
ރައީސް އެ ދުވަހު ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސިފައިންގެ މަސައްކަތްތައް ކުރިއަރުވަން އަދިވެސް އިތުރު މީހުން ބޭނުންވާ ކަމަށެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމް ޕްރޮގްރާމް ފަށާއިރު، ކޮންމެ ބައިވެރިއަކަށް 6،000ރ. ގެ އިނާޔަތެއް ސަރުކާރުން ދޭނެ އެވެ. އެހެންވެ، އެކަމަށް މަހަކު މަދުވެގެން 2.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.