ނޭޝަނަލް ސާވިސްގެ ފަންނީ ތަމްރީނަށް 60 އަށްވުރެ ގިނަ ކުދިން ތަމްރީނަށް ފުރައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަމިއްލަ ނަފްސަށް އިތުބާރުކުރާ އަދި އަގީދާ ވަރުގަދަ އަދި ޒިންމާދާރު ބަޔަކު ބިނާކުރަން ސަރުކާރުން ފަށާފައިވާ ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރު ފުރިހަމަކުރި ޒުވާނުންގެ ތެރެއިން، ފަންނީ ތަމްރީނުގައި ބައިވެރިވާން ކުރިމަތިލީ 66 ކުދިން ކަމަށެވެ.
ރާއްޖޭގެ 35 ރަށަކުން 16-19 އަހަރާ ކުދިންނާއެކު ފަންނީ ތަމްރީނު ގެންދަނީ ހަތަރު މަސް ދުވަހަށެވެ. ހަރުދަނާ ޖީލެއް އުފެއްދުމުގެ ބޭނުމުގައި ފަށާފައިވާ އެ ޕްރޮގްރާމުގައި ބައިވެރިވާން މިދިޔަ އަހަރު އިއުލާން ކުރުމުން 1،244 ޒުވާނުން ކުރިމަތިލި އެވެ.
ތިން މަސް ދުވަހަށް ގެންދިޔަ ތަމްރީނުގެ ފުރަތަމަ ބުރުގައި ބައިވެރިވީ 350 ކުދިންނެވެ.
ރައީސް ވިދާޅުވީ ފަންނީ ތަމްރީނު ގެންދާނީ ބ. ކިހާދޫގައި ގާއިމްކޮށްފައިވާ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒުގައި ކަމަށެވެ.
އެ ޒުވާނުންނަށް ތަފާތު ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.