ނިއު ޔޯކް (ނޮވެމްބަރު 21) - ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުގެ ޚާރިޖީ ވަޒީރުކަން ދިނުމަށް އެންމެ ބޮޑަށް މަޝްވަރާ ކުރަމުންދާ އެއް ބޭފުޅަކީ ކުރީގެ ރިޔާސީ ކެންޑިޑޭޓް މިޓް ރޮމްނީ ކަމަށް ނައިބް ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައިވާ މައިކް ޕެންސް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު ރޮމްނީއާ ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް ޓްރަމްޕާ އެކު ކުރި މަޝްވަރާތަކުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ޕެންސް ވިދާޅުވީ އެމެެރިކާގެ އެންމެ އިސް ޑިޕްލޮމެޓިކް މަގާމަށް ރޮމްނީ ހަމަޖައްސަން ޓްރަމްޕް ބޭނުންވާ ކަމަށާއި އެ މަގާމަށް ގެނައުމަށް ވިސްނަމުންދާ ނަންތަކުގެ ލިސްޓުގެ ކުރީގައި އޮތީ ރޮމްނީ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ޓްރަމްޕާއި ރޮމްނީ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ރޮމްނީ ވަނީ ޓްރަމްޕަކީ އަމިއްލަ އެދުން ބޮޑު މަކަރުވެރިއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިޚާބުގައި ޓްރަމްޕްވާ ވައުދަކީ ޓްރަމްޕް ޔުނިވާސިޓީން ދޭ ޑިގްރީ ކަހަލަ އަގެއް ނެތް އެއްޗެއް ކަމަށް ރޮމްނީ ވަނީ ވިދާޅުވެފަ އެވެ. ރައްދުގައި ޓްރަމްޕް ވަނީ 2012 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވާ ނާކާމިޔާބުވި ރޮމްނީ އަކީ މިހާތަނަށް އެންމެ ބޮޑަށް ފޭލްވި ކެންޑިޑޭޓް ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕުގެ ސަރުކާރަށް މިހާރު ވެސް ވަނީ ބައެއް މީހުން ހަމަޖައްސައިފަ އެވެ. ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފާއި އެޓާނީ ޖެނެރަލް، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ސީއައިއޭގެ ޑިރެކްޓަރުގެ އިތުރުން ޓްރަމްޕުގެ އެޑްވައިޒަރުގެ މަގާމަށް ވެސް ބޭފުޅުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އަދި އެޓާނީ ޖެނެރަލް އާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒު ވެސް ވަނީ ހަމަޖައްސައިފަ އެވެ.