ނިއު ޔޯކް (ނޮވެމްބަރު 19) - ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ކުރީގެ ރިޔާސީ ކެންޑިޑޭޓް އަދި އެމެރިކާގެ މިލިއަނަރު މިޓް ރޮމްނީއާ ބައްދަލު ކުރުމަށް ޓްރަމްޕް ނިންމަވައިފި އެވެ.

ޓްރަމްޕުގެ ސަރުކާރަށް ބޭފުޅުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ އިރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޮމްނީ އަށް ޚާރިޖީ ވަޒީރުކަމުގެ މަގާމު ހުށަހެޅުމަކީ އެކަށީގެންވާ ކަމެކެވެ.

އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރޮމްނީ ވަނީ ޓްރަމްޕަކީ އަމިއްލަ އެދުން ބޮޑު މަކަރުވެރިއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިޚާބުގައި ޓްރަމްޕްވާ ވައުދަކީ ޓްރަމްޕް ޔުނިވާސިޓީން ދޭ ޑިގްރީ ކަހަލަ އަގެއް ނެތް އެއްޗެއް ކަމަށް ރޮމްނީ ވަނީ ވިދާޅުވެފަ އެވެ. ރައްދުގައި ޓްރަމްޕް ވަނީ 2012 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވާ ނާކާމިޔާބުވި ރޮމްނީ އަކީ މިހާތަނަށް އެންމެ ބޮޑަށް ފޭލްވި ކެންޑިޑޭޓް ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕުގެ ސަރުކާރަށް މިހާރު ވެސް ވަނީ ބައެއް މީހުން ހަމަޖައްސައިފަ އެވެ. ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފާއި އެޓާނީ ޖެނެރަލް، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ސީއައިއޭގެ ޑިރެކްޓަރުގެ އިތުރުން ޓްރަމްޕުގެ އެޑްވައިޒަރުގެ މަގާމަށް ވެސް ބޭފުޅުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ރޮމްނީއާ އެކު ބާއްވާ ބައްދަލުވުމާ ބެހޭ ގޮތުން ޓްރާންސިޝަން ޓީމުގެ ތަރުޖަމާން ޝޯން ސްޕައިސާ ވިދާޅުވީ ގައުމު ހިންގުމަށް ޓްރަމްޕް ބޭނުން ވަނީ އެންމެ ގާބިލް މީހުން ކަމަށާއި އެ ޓީމުގައި ޓްރަމްޕަށް ސަޕޯޓް ކުރި މީހުންނާއި ނުކުރާ މީހުން ވެސް ؛ހިމެނޭ ކަމަށެވެ.