މޭޑޭގެ މުޒާހަރާއާ ގުޅިގެން ގައުމުގައި އުފެދުނު ހާލަތަށް ފަހު، ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމަށް ވެސް ރާއްޖެ އިން ފުރާވަޑައިގެންނެވުނީ ހަމަ ކިރިޔާ އެވެ. ފިއްލެވީކީއެއް ނޫނެވެ. ނުކުރައްވާ ކުށެއްގެ ތުހުމަތުގައި ޖަލު ގޮޅީގައި އޮންނަވަން ބޭނުން ނުވީ އެވެ.

އަމީން ވިދާޅުވާ ގޮތުގައި، ގައުމާއި ރައްޔިތުންނަށް އެ ވަގުތަށް ފައިދާ އޮތީ އަމިއްލަ އަށް އަރުވާލެވިގެން ނަމަވެސް ސިޔާސީ މަސައްކަތުގައި އުޅުއްވައިގެންނެވެ. އޭނާ ވަޑައިގަތީ އިނގިރޭސި ވިލާތަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެހެން ސިޔާސީ ލީޑަރުންނެކޭ އެއްގޮތަށް އަމީނަށް ވެސް ކުރިމަތިވެވަޑައިގަތީ ސިޔާސީ ހަޔާތުގައި އެންމެ އުނދަގޫ، ބިރުވެރި އަދި އެހާމެ ހިތްދަތި ތަޖުރިބާއެކެވެ. އަމިއްލަ ގައުމުގައި ބިރުވެރިކަން ވަށައިލުމެވެ. އެކަމުން ސަލާމަތްވާން އާއިލާ އާއި އަމިއްލަ ފަސްގަނޑު ދޫކޮށް އެކަހެރިކޮށް ދިރިއުޅުން ވޭތުކުރަން ޖެހުމެވެ.

އަމީން ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
އަމީން ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އެކަމަކު އިނގިރޭސި ވިލާތުގައި ހަތް އަހަރު ހޭދަކުރައްވައި އަމީން މިދިޔަ ހޯމަދުވަހު ރާއްޖެ ވަޑައިގަތީ މާޒީގެ އެ ހިތާމަވެރި ސޮފްހާ ދޫކޮށްލައްވައިފަ އެވެ. ހިނގައިދިޔަ ކަންކަމުގައި އޭނާގެ ރުޅިވެރިކަމެއް، ހިތްހަމަނުޖެހުމެއް އެއްވެސް މީހަކާ ދޭތެރޭގައި ނެތެވެ.

އަމިއްލަ ގައުމަށް އާދެވުމުން ލިބިވަޑައިގަތީ، އަމީން ވިދާޅުވި ގޮތުގައި، މިނިވަންކަމާއި ހިތްހަމަޖެހުމެވެ. ގައުމު ދޫކުރެއްވި އިރު އޮތް ބިރެއް އޭނާ އަދި ސިޔާސީ އެހެން މީހަކަށް ވެސް މިހާރު އޮތް ކަމަކަށެއް އަމީން ގަބޫލެއް ނުކުރައްވަ އެވެ.

އަމީން އިނގިރޭސިވިލާތުގައި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ އެކު.
އަމީން އިނގިރޭސިވިލާތުގައި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ އެކު.

އަމީން ވިދާޅުވީ އިނގިރޭސި ވިލާތަށް ވަޑައިގެން ކޯލިޝަންގެ ވެރިކަމެއް ގާއިމުވަންދެން އެ މަސައްކަތުގައި އުޅުއްވި ކަމަށެވެ. އޭގެ ފަހުން, ދެން މިކޮޅަށް ވަޑައިނުގެންނެވުނީ ޕީއެޗްޑީއަށް ކިޔަވައި ވިދާޅުވުމާއި ދަރިންގެ ކަންކަމަށް ވަގުތު ހުސްކުރެއްވުމުންނެވެ.

"އެ ހުރިހާ ކަންކަމަކަށް ފަހު އަޅުގަނޑަށް އާދެވޭ ހިސާބަށް ދިޔައީމާ މި އައީ. ވަރަށް އުފާވޭ އާދެވުނީމާ. އަބަދުވެސް އަންނަން ބޭނުންވެފައި ހުންނަނީ. އެކި ސަބަބުތަކާ ހުރެ ނާދެވި ލަސްވީ," އަމީން ވިދާޅުވި އެވެ.

އަމީން، ޕީއެޗްޑީއަށް ކިޔަވާ ދަރިވަރުންނާ އެކު.
އަމީން، ޕީއެޗްޑީއަށް ކިޔަވާ ދަރިވަރުންނާ އެކު.

ޔާމީންގެ ސަރުކާރާ ދެކޮޅަށް މިހާރުގެ ވެރިކަން ކުރާ ކޯލިޝަނުން ކުރި މޭޑޭ މުޒާހަރާ އިން އަމީން ވެސް ހައްޔަރުކުރި އެވެ. ބަންދުން ދޫވުމާ އެކު ވެސް ސިޔާސީ ކަންކަމުގައި އުޅުއްވި އެވެ. އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަދަ ބޭފުޅުން ހައްޔަރުކޮށް ޖަލަށް ލާން ފެށުމުންނެވެ.

އަމީން ވިދާޅުވި ގޮތުގައި އޭނާ ވެސް ފުރާވަޑައިގަތީ ގާސިމްއާ އެކު ތިއްބެވި ސިޔާސީ ބޭފުޅުން ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ. އޭނާގެ މައްސަލައަކަށް ވީ ގައުމުގެ މިނިވަންކަމާއި އިސްލާމް ދީނާއި ރައްޔިތުންގެ ހައްގުގައި "ޖިހާދުކުރަން" ޖެހޭނެއޭ ވިދާޅުވުމެވެ.

"ޖިހާދުގެ ބަސް ބޭނުންކޮށްފައި އޮތުމަކީ އަޅުގަނޑަށް ޓެރަރިޒަމްގެ ދައުވާ އައި ކަމަކީ. މިއީ އޭރުގެ ހާލަތު އޮތް ހިސާބަކީ," އޭނާ ވިދާޅުވި އެވެ.

"މިއަދު އެނބުރި އައިއިރު އެ ބިރެއް ނެތް. މި ސަރުކާރު އައީ ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމާއި ސިޔާސީ މީހުން ވެސް ކުރަން ބޭނުންވާ ކަންކަމަށް ފުރުސަތު ދޭން ވައުދުވެގެން. އެކަން އެބަފެނޭ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު އަމީން: އޭނާ ދެން ފެންނާނީ ޖޭޕީގައި ސިޔާސީ ގޮތުން މާ ހަރަކާތްތެރިކޮށް ކަމަށް ވިދާޅުވި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު އަމީން: އޭނާ ދެން ފެންނާނީ ޖޭޕީގައި ސިޔާސީ ގޮތުން މާ ހަރަކާތްތެރިކޮށް ކަމަށް ވިދާޅުވި.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތެއްގައި އުޅެގެން އެއްވެސް މީހަކު ގެންގޮސް ޖަލަށް ލާފާނެ ކަމުގެ ބިރެއް މިހާރަކު ނެތެވެ. އެކަމަކު މި ވެރިކަން ގެނައުމަށް ރައްޔިތުންނަށް ވީ ހުރިހާ ވައުދެއް އޭގެ އެންމެ ފުރިހަމައަށް ހިނގާ ކަމަކަށެއް އަމީން ގަބޫލެއް ނުކުރައްވަ އެވެ.

"އެއްބައި ކަންކަން ސަރުކާރުން ވަރަށް ރަނގަޅަށް ކުރިއަށް އެބަގެންދަވާ. އަނެއް ބައި ކަންކަން ތަންކޮޅެއް ފަހަތުގައި އުޅެނީ. ބައެއް ކަންކަމުގެ ސްޕީޑަށް ބަލާއިރު ރައްޔިތުންގެ ތެރޭގައި އިންތިހާއަށް ކަންބޮޑުވުން އެބައޮވޭ. އެހެންވީމަ އަޅުގަނޑުމެން އޭރު އެކްސްޕެކްޓް ކުރި ގޮތަށް އެހާ ފުރިހަމައަށް ދާ ތަނެއް ނުފެނޭ. އެއީ ކޮންމެ ސަރުކާރެއްގައި ވެސް ވާނެ ގޮތް," އަމީން ވިދާޅުވި އެވެ.

އަމީން ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ޖޭޕީ
އަމީން ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ޖޭޕީ

އަމީން ވިދާޅުވި ގޮތުގައި ސަރުކާރުން ވެސް ރަނގަޅު ކުރަން ހުރި ކަންކަން ބައިވަރެވެ.

އަމީން އެނބުރިވަޑައިގަތުމުން ލީޑަރު ގާސިމް އިބްރާހީމާއި ޕާޓީ އަށް ލިބުނު ހިތްވަރާ އެކު ދެން ފެންނާނީ މާ ބާރަށް ސިޔާސީ މަސައްކަތުގައި އުޅޭތަން ކަމަށް އަމީން ވިދާޅުވި އެވެ.

"ޕާޓީގެ ކަންކަން އިންތިޒާމުވާ ގޮތަށް ހިނގައިގަތީމާ ފުލްކޮށް އަޅުގަނޑު އުޅޭނަން އެ މަސައްކަތުގައި," އޭނާ ވިދާޅުވި އެވެ.