ރައްޔިތުން ނުކުމެ 24 ގަޑިއިރު އިހްތިޖާޖްކޮށް، މަދަނީ ބަސްނޭހުމަކަށް ގޮސްގެން ނަމަވެސް ގާނޫނީ އިމުގެ ތެރެއަށް ރައީސް އަބްދުﷲ ޔާމީން ވައްދަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ހާލަތުން، ރައީސް ޔާމީން، ގާނޫނުއަސާސީގެ އިމުގެ ތެރެއަށް ވެއްދޭނީ ދައުލަތުގެ ވެރިން ކަމަށްވާ ރައްޔިތުންނަށް ކަމަށެވެ.
"މިއީ 24 ގަޑިއިރު އިހްތިޖާޖްކޮށް، ބަސްނޭހުމަކަށް ގޮސްގެން ނަމަވެސް ގާނޫނުއަސާސީގެ އިމަށް ޔާމީން ވައްދަން ޖެހޭ ވަގުތު. ކެންޑިޑޭޓަށް ވުރެ ގައުމަށްޓަކައި އިސްކުރަން ޖެހެނީ ޔާމީން އަބްދުލްގައްޔޫމްގެ ކިބައިން ގައުމު ސަލާމަތް ކުރުން،" އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ރައްޔިތުން ވެރިކަން ހަވާލުކުރީ ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ކުރައްވަން ވައުދުވެވަޑައިގަތުމުންނެވެ. ގާނޫނުއަސާސީގެ އިމުން ބޭރުގައި އެމަނިކުފާނު ވެރިކަން ކުރައްވަން ފެއްޓެވުމުން، ގާނޫނުއަސާސީގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީން ކުރި ކަމަށް އަމީން ވިދާޅުވި އެވެ.
"ގާނޫނުއަސާސީގެ އިމުގެ ތެރެއަށް ޔާމީން ވެއްދުމަށް [ދެ ބާރުން] ކުރި މަސައްކަތް ފުނޑާލާފައި، ގާނޫނުއަސާސީއާ ޚިލާފަށް އެ ދެ ބާރު ސިފައިންގެ މަދު ބައެއްގެ އެހީގައި ނެތިކޮށްލައިފި،" އަމީން ވިދާޅުވި އެވެ.
މަދަނީބަސްނޭހުމަކަށް އަމީން ގޮވާލެއްވިއިރު، އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި އަމީން ދިރިއުޅުއްވަން ފެއްޓެވީ، މެއި 1، 2015ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާ ގުޅިގެން އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމުންނެވެ.